ހުޅުމާލޭގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 20 އަހަރުގެ ޒުވާނަކު ޖޫރިމަނާކޮށް، އޭނާ ދުއްވި ސައިކަލު ފުލުހުން ޓޯކޮށްފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 9 ވަނަ ދުވަހުގެ ރޭ 22:30 އެހައިކަންހާއިރު ހުޅުމާލެ ފޭސް 1 ގެ މަގުމަތީގައި ކަމަށެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އެ ވަގުތު ހުޅުމާލެތެރެ ބަލަހައްޓައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަކަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް އެ ސައިކަލު ދުއްވާފައި ދިޔައިރު، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިވާ ގޮތަށް ވަނީ ދުއްވާފައެވެ.
މި އަމަލާ ގުޅިގެން، ސައިކަލު ދުއްވަން އިން 20 އަހަރުގެ ފިރިހެން މީހާ ހުއްޓުވައި، އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ދުއްވި އުޅަނދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މަގުމަތީގައި މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!