ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ(އތމކ) ގުޅިގެން ކުރިއަށް ގެންދާ "ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026" އިއްޔެ ފަށައިފިއެވެ.

ކުޅުދުއްފުށި ސިޓީކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޜަނަށެވެ. އެ ގޮތުން އަންހެން ޑިވިޜަންގެ 5 ޓީމު ވާދަކުރާނީ ލީގު އުޞޫލުން ކަމަށް ވާއިރު، ފިރިހެން ޑިވިޜަނުގައި ވާދަކުރާ 16 ޓީމުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖު އުސޫލުންނެވެ.

Ad
rt

މި މުބާރާތުގެ ފިރިހެން ޑިވިޜަނުގައި ވާދަކުރާ 16 ޓީމަކީ އަރުތަ، ބޭލާ ރެކްރިއޭޝަން ކްލަބް، ޑޯން ޔުނައިޓެޑް، ދަހްސޫރާ، ހިރަފުސް ސްޕޯޓްސް ކްލަބް، ޖޯކަރ ސްޓޯން، ކޭއީޑީ، ލަޔަނެސް، މަގުލަސް ކްލަބް، މަގުލަސް ޖޫނިއަރ، މިނީ ޒިގްޒެގް، ނުވިޔަސް ހެވޭ، ސްޓޯން، ޔަންގް ސްޓާރސް އެފްސީ، ޒިގްޒެގް އަދި ޒެޑްވައިއެލް އެވެ. އަދި ޑިވިޜަނުގައި ވާދަކުރާ ފަސް ޓީމަކީ ފައިވް، ޓީމް ފްލެމިންގޯ، ކޭއީޑީ(އަންހެން ޓީމް) މަންތާ އަދި ޔުނީކް ފްރެންޑްސް އެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ފިރިހެން ޑިވިޜަނުގެ މިނީ ޒިގްޒެގާއި ކޭއީޑީ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، އަންހެން ޑިވިޜަނުގައި ކޭއީޑީ އާއި ފްލެމިންގޯ ބައްދަލުކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަމަވެސް ރޭ ކުޅުނު ތިންވަނަ މެޗުގައި ފައިވް އިން ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މަންތާ ބަލިކޮށްފައެވެ. އަދި ފުރަތަމަ ދުވަހުގެ ފަހު މެޗުގައި ފިރިހެން ޑިވިޜަނުގެ ހިރަފުސް އެސްސީ އާއި ނުވިޔަސް ހެވޭ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިއަދު ވެސް ހަތަރު މެޗު ކުޅޭނެއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް 18 އޮކްޓޯބަރުގައި ކުޅުމަށްފަހު، 19 އޮކްޓޯބަރުގައި ސެމީގެ މެޗުތައް ކުޅޭނެއެވެ. އަދި ފައިނަލް މެޗުތައް ކުޅޭނީ 21 އޮކްޓޯބަރުގައެވެ.