ދީނީ ކަންކަމަށް ހޭދަކުރުމަށާއި، މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށްޓަކައި "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ވެރިން ޢައްޔަނުކޮށް އެ ކުންފުނީގެ ބޯޑު އެކުލަވާލައިފިއެވެ.

އެ ކުންފުނީގެ އެމްޑީ އަކަށް ހަމަޖައްސާފައި ވަނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީކަން ކުރިން ކުރެއްވި ޔާމީން އިދުރީސް އެވެ. އަދި އެކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ އައްސައިޚް ޢިއްޒުއްދީން އަދުނާނެވެ.

Ad
rt

އެ ކުންފުނީގެ ބޯޑު މެމްބަރަކުންގެ ގޮތުގައި ހަމަޖެއްސި ބޭފުޅުން

  • ހުސައިން ޝާމް އާދަމް
  • ޑރ. މުހައްމަދު ޝުޖާޢު
  • މަރިޔަމް ނިހާޔަތު
  • ޢަބުދުﷲ ޢަލީ
  • މުހައްމަދު ހިލްމީ

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމުގެ މަސައްކަތް ކުރުމަށް އުފެއްދެވި ކުންފުންޏެކެވެ. މީގެއިތުރުން، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ކުރުންވެސް ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ކުންފުނީގެ މުހިންމު ބޭނުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައް ކުރުން ހިމެނެއެވެ. އަދި އެ މިސްކިތްތައް މަރާމާތުކުރުމާއި، އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްތައް ކުރުންވެސް ކުންފުންޏާ ވަނީ ޙަވާލުކުރެވިފައެވެ.

އަލަށް އުފެއްދެވި ކުންފުނީގެ މަޤުޞަދުތަކުގެ ތެރޭގައި މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަކީވެސް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އުފެއްދެވި މުހިންމު ބޭނުމެކެވެ.