އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު ފަހު މެޗުގައި، ކެޕްޓަން ލިއޮނެލް މެސީ ދެއްކި މޮޅު ކުޅުމާއެކު 0-3 އިން ބެނިން ބަލިކޮށް، އޭނާގެ ބައިނަލްއަގުވާމީ ކެރިއަރު ފުރިހަމަ ކާމިޔާބީއަކާއެކު ނިންމާލައިފިއެވެ.

އަންގާރަ ދުވަހު ބުއެނޮސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި އެކުވެރިކަމުގެ މެޗުގައި މެސީ ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި، ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. އަދި ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ގައުމީ ފުޓްބޯޅައިގެ ވިންދާ ގުޅިފައިވި މޮޅު ކުޅުންތެރިޔާއަށް ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ވަރުގަދަ އަލްވަދާއެއް ކިޔާފައެވެ.

Ad
rt

ދަނޑަށް ވަން 85،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާއިން ޖެހި ތިން ލަނޑުގައި ވެސް މެސީގެ ދައުރު ބޮޑެވެ. މެޗުގެ 48 ވަނަ މިނެޓުގައި މެސީ ނެގި ކޯނަރަކުން ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ބޮލުން ޖަހައި ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު، 61 ވަނަ މިނެޓުގައި ޒުވާން ހުނަރުވެރިޔާ ނިކޮލަސް ޕާޒް ލަނޑު ޖެހީ މެސީ ދިން ޕާހަކުންނެވެ. އޭގެ ދިހަ މިނެޓު ފަހުން ލިބުނު ޕެނަލްޓީ ވާތު ފައިން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން މެސީ ވަނީ އާޖެންޓީނާގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި އޭނާގެ ރެކޯޑް އިތުރަށް ފުޅާކޮށްފައެވެ. މި ވަގުތު ސަޕޯޓަރުން ވަނީ އޭނާގެ ޝަރަފުގައި ބާރަށް އަޑުއުފުލައި ލަވަކިޔައިފައެވެ.

އުމުރުން 39 އަހަރުގައި ވެސް މަތީ ފެންވަރުގައި ކުޅެމުން އަންނަ މެސީ، ގައުމީ ޓީމުން ރިޓަޔާވާނެކަން އިއުލާނުކުރީ މިދިޔަ އޮގަސްޓް މަހުގެ 31 ގައެވެ. ހަވާގެ ކުޅިވަރުތަކާއެކު އޭނާ ކުޅުނު މި 208 ވަނަ މެޗަށް ޚާއްސަކޮށް ތައްޔާރުކުރި ޖާޒީގައި ފުޅާ ރޮނގުތަކަކާއި ބޮޑު އިރެއްގެ ނިޝާނުގެ އިތުރުން ރަން ކުލައިގެ 10 ނަންބަރު ހިމެނެއެވެ. މީގެއިތުރުން "ތާރީޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާ" (ގޯޓް) ރަމްޒުކޮށްދިނުމުގެ ގޮތުން ކަންބަޅިއެއްގެ ދަޅުގެ ކުރެހުމެއް ވެސް ޖާޒީގައި ހުއްޓެވެ. މެޗު ފެށިގެން ދިހަ މިނެޓު ވީތަނާ ރެފްރީ މެޗު މެދުކަނޑާލައި ކެޕްޓަނަށް އިހުތިރާމް އަދާކުރިއިރު، ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ކޮޅަށް ތެދުވި މެސީއަށް މަރުހަބާ ކިޔުމުން އޭނާ ވަނީ އަތްމައްޗަށް ނަގައި ޝުކުރު އަދާކޮށްފައެވެ.

މެސީ އަށް ޝަރަފްވެރި އިހްތިރާމެއް ދައްކާލަނީ، ފޮޓޯ: އޭޕީ

މެޗު ފެށުމުގެ ކުރިން އާޖެންޓީނާގެ ގައުމީ ސަލާމް، 1982 ވަނަ އަހަރުގެ ފޯކްލެންޑްސް ހަނގުރާމައިގެ ވެޓެރަނަކު ކިޔައިދިން ވަގުތު މެސީއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނާގެ ތިން ފިރިހެން ދަރިން ކަމަށްވާ ތިއާގޯ، މަޓެއޯ އަދި ސީރޯއާއެކު ދަނޑުމަތީގައި ހުރިއިރު މެސީގެ ލޮލުން ކަރުނަ ފާދުވުމުން، ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ އޭނާގެ ކޮނޑުގައި އަތްބާއްވާލައި ހިތްވަރުދީފައެވެ.

ޑިއޭގޯ މަރަޑޯނާގެ ވާރުތަވެރިޔާގެ ގޮތުގައި ބެލެވުނު މެސީ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށީ 2005 ގައެވެ. ގިނަ މާޔޫސްކަންތައްތަކަކަށް ފަހު 2022 ވަނަ އަހަރު ވޯލްޑް ކަޕް އުފުލައިލުމާ ހަމައަށް އޭނާ ކުރި ދަތުރު ނިންމާލީ 21 އަހަރުގެ ތެރޭގައި 126 ލަނޑު ޖަހައި، ވޯލްޑް ކަޕެއްގެ އިތުރުން ދެ ކޮޕާ އެމެރިކާ ތަށި ގައުމަށް ހޯދައިދީގެންނެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން 0-1 އިން ބަލިވި ނަމަވެސް، އެ މުބާރާތުގައި އަށް ލަނޑާއި ހަތަރު އެސިސްޓް ހެދި މެސީ ވަނީ އަނެއްކާވެސް ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އޭނާ މި އެވޯޑަށް ވާދަކުރަނީ ސްޕެއިންގެ ލަމީން ޔަމާލް އަދި ފްރާންސްގެ ކީލިއަން އެމްބާޕޭއާ އެވެ. މެސީއަކީ މި އެވޯޑު އަށް ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ.

މެސީގެ މި ފަހު މެޗު ބެލުމަށްޓަކައި ޓުކުމާން އިން 1،000 ކިލޯމީޓަރު (620 މޭލު) ކަޑައްތުކޮށްފައި އައި ޒުވާން ދެމަފިރިން ކަމަށްވާ ރެބެކާ އަރިއަސް އަދި ޑެނިއަލް ލެމާ ވަނީ، މެސީ ކުޅުނު ހަ ވޯލްޑް ކަޕް ދައްކުވައިދޭ ތޮތްޕެއް ހަދައިގެން ދަނޑަށް ވަދެފައެވެ. "އަހަރެމެން ގަބޫލުކުރަނީ މިއީ ވަރަށް ޚާއްސަ ވަގުތެއް ކަމަށް. މިތަނަށް އައުމަށް ކުރި ދަތުރަކީ ބޭކާރު ދަތުރެއް ނޫން. ކުޅުންތެރިއަކާ ގުޅިގެން މިފަދަ ކަމެއް ދެން ތަކުރާރު ނުވުމަކީ ވެސް އެކަށީގެންވާ ކަމެއް،" އެ މެޗާ ބެހޭ ގޮތުން އަރިއަސް ބުންޏެވެ.

މި މެޗުގެ ކުރިން، އާޖެންޓީނާގެ ސަރުކާރު ޔުނިވަرسިޓީއެއް ކަމަށްވާ ޔުނިވަرسިޓީ އޮފް ބުއެނޮސް އައިރިސް (ޔޫބީއޭ) އިން ވަނީ މެސީއަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމުގެ ޝަރަފު އަރުވާފައެވެ. އެޒެއިޒާ އަވަށުގައި ހުންނަ ގައުމީ ޓީމުގެ ޓްރެއިނިން ކޮމްޕްލެކްސްގައި ބޭއްވި މި ރަސްމިއްޔާތުގައި މެސީއަށް ޑިޕްލޮމާއަކާއި މެޑެއްޔެއް އެރުވީ، ގައުމީ ޓީމަށް އޭނާ ކޮށްދިން ޚިދުމަތްތަކާއި ދަނޑުމަތީގައާއި ދަނޑުން ބޭރުގައި އޭނާ ފޯރުވި ނުފޫޒުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.