ގދ. ގަމުގައި ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައެއްގައި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ގދ. ގައްދޫ، ނޫރީގެ، އުމުރުން 37 އަހަރުގެ އަލީ ޝަޒީނުގެ މައްޗަށެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ 2026 އޮކްޓޫބަރު 4 ވަނަ ދުވަހުއެވެ.
މި މައްސަލައަކީ ގދ. ގަމުގައި އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން ފުލުހުން ބެލި މައްސަލައެކެވެ. އެގޮތުން، މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް ހުށަހަޅާފައިވަނީ 2021 އޮގަސްޓު 10 ވަނަ ދުވަހުއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދު ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކުގެ އިތުރުން ބަނގުރާ ވެސް އެ ތަނުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުންގެ ފަރާތުން ފުރިހަމަކުރުމަށްފަހު، އޭނާގެ މައްޗަށް ދައުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ.
ތަހުގީގަށް ފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަލީ ޝަޒީނުގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. ޝަރީއަތުގެ މަރުހަލާއަށްފަހު ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!