އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރިއަށްގެންދިޔަ މައްސަލައެކެވެ. މި ތަހުގީގު ނިންމުމަށް ފަހު، އެ ކުންފުނީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވަނީ އާދީއްތަ ދުވަހު ކަމަށް އޭސީސީން ބުންޏެވެ.
މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަނުގައި ޑޮލަރުގެ މުއާމަލާތްތައް ކުރުމަށް ގެންގުޅުނު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
އޭސީސީން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަހުގީގުން ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން މޮންޓިލިއަން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެ ފައިސާ އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިކޮށެވެ.
އޭގެއިތުރުން، އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެ ދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮތް ކަމަށް ވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އެފަދަ ހާލަތެއް އޮއްވައި، އެ ފައިސާ މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
މި މައްސަލައިގައި މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާއާއި އެ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުންނެވެ. އަދި އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ 150,000.00 ޑޮލަރު (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!