ޔަމަނުގެ އަންޞާރުﷲ (ހޫތީ) ޖަމާޢަތުގެ ބާރުތަކުން އަލްޞަފިއްޔާ ސަރަޙައްދާއި އެ ސަރަޙައްދުގެ މުހިންމު ހައިވޭއެއް ހިފައި، ތާއިޒް ސިޓީއާއި ޢަދަން ގުޅުވައިދޭ މައި މަގު ބަންދުކޮށްފިއެވެ.

މިއާއިއެކު ހޫތީން މިހާރު ތިބީ ޔަމަނުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ތާއިޒް ވަށާލައި ޙިޞާރުކޮށްގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad
rt

އަސްކަރީ އަދި ސަލާމަތީ މަޞްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހޫތީން އަލްޞަފިއްޔާ ސަރަޙައްދު ކޮންޓްރޯލް ކުރުމާއެކު، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ޔަމަނު ސަރުކާރުގެ ވަގުތީ ވެރިރަށް ކަމަށްވާ ޢަދަނާއި ތާއިޒާ ދެމެދު އޮތް އެންމެ މައި ހައިވޭ ސަޕްލައި މަގު ވަނީ ކެނޑިފައެވެ.

އެ ސަރަޙައްދުގެ ސަލާމަތީ ބާރުތަކާއި އަސްކަރީ އޮފިޝަލުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ހޫތީ ހަނގުރާމަވެރިން ވަނީ އެ ސަރަޙައްދަށް ކުރިއަރައިގޮސް، އެތަނުގައި ހުރި ސަލާމަތީ ޕޯސްޓުތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައި މަގުން ކުރަމުންދިޔަ އެންމެހައި އެއްގަމު ދަތުރުފަތުރުތައްވެސް މިހާރު ވަނީ ހުއްޓުވާފައެވެ.

ތާއިޒް އަދި ޢަދަން ގުޅުވައިދޭ މަގު ބަންދުވުމުގެ ސަބަބުން، ތާއިޒް ސިޓީގެ ތެރޭގައި ސަރުކާރުގެ ބާރު ހިނގާ ސަރަޙައްދުތައް ޙިޞާރުވެފައިވާ މިންވަރު ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެފައެވެ. އަދި މީގެ ސަބަބުން ދެކުނުގެ ސަރަޙައްދުތަކުން އެ ސިޓީއަށް ވާސިލުވާ އިންސާނީ އެހީއާއި އަސްކަރީ މުހިންމު ސަޕްލައި ލައިންތައް ވަނީ ބުރޫއަރައި، ކެނޑިގެން ގޮސްފައެވެ.

ހޫތީން މި ސަރަހައްދަށް ގަދަކޮށްފައި ވަނީ ތާއިޒް ގަވަރުނަރޭޓްގެ އެކި ހިސާބުތަކުގައި ވަރުގަދަ ކުރިމަތިލުންތަކަކާއި ބޮޑުބަޑީގެ ޙަމަލާތަކެއް ބަދަލުކުރުމަށް ފަހުގައެވެ. ހަނގުރާމައިގެ މައިދާނުގައި މި ކުރިމަތިލުންތައް ހިނގަމުންދަނީ އެ ސަރަޙައްދުގެ މަސްރަޙު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހޫތީ ބާރުތަކުން އެ ސަރަޙައްދަށް އަތްގަދަކުރަމުން ދަނީ ދެކުނުގެ އައްސޭރިފަށުގެ މަގުތަކާ ދިމާއަށް އެމީހުންގެ ސަރަޙައްދީ ބާރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.