ހދ. ކުޅުދުއްފުށި ސިޓީގައި ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި މަސްވެރިންނަށް، 'ކެޔޮޅު އެޕް' މެދުވެރިކޮށް އިލެކްޓްރޯނިކް ލޮގްފޮތް ފުރިހަމަކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަނެއް މިރޭ ބޭއްވުމަށް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މި ސެޝަނުގައި އެ ސިޓީގެ މަސްވެރިން ބައިވެރިވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މިހާރު ވަނީ ދައުވަތު ދީފައެވެ.

Ad
rt

މިއީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްސަ އޮންލައިން ސެޝަނެކެވެ. މި ސެޝަންގެ މައިގަނޑު ބޭނުމަކީ ކެޔޮޅު އެޕް ބޭނުންކޮށްގެން އިލެކްޓްރޯނިކް ލޮގްފޮތް ފޮނުވާނެ ގޮތުގެ މައުލޫމާތު މަސްވެރިންނަށް އޮޅުންފިލުވައިދިނުމެވެ.

މި މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށެވެ. އެގޮތުން މި ބައްދަލުވުން އޮންނާނީ 5 އޮކްޓޫބަރު 2026 ވާ ދުވަހުގެ ރޭގަނޑު 20:00 އިން ފެށިގެންނެވެ.

ސިޓީ ކައުންސިލްގެ ޕޭޖުގައި ހިއްސާކޮށްފައިވާ ޒޫމްލިންކް މެދުވެރިކޮށް މި ސެޝަނުގައި އެ ސިޓީގެ މަސްވެރިންނާއި ކެޔޮޅުން ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ދައުވަތުދީފައެވެ.

ކެޔޮޅު އެޕްގެ އިލެކްޓްރޯނިކް ލޮގްފޮތަކީ މަސްވެރިކަން ކުރާ އުޅަނދުފަހަރުން މަސްވެރިކަމުގެ ދުވަހީ މައުލޫމާތު ޑިޖިޓަލްކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ހުށަހެޅުމަށްޓަކައި ތައާރަފްކޮށްފައިވާ ނިޒާމެކެވެ.

މި ނިޒާމު މެދުވެރިކޮށް ކަނޑުމަހުގެ މަސްވެރިކަމުގެ މައުލޫމާތު ވުޒާރާއަށް ފޮނުވުމުގެ ކަންކަން ފަސޭހަވެގެންދާއިރު، އެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ މަސްވެރިންވެސް މި ސެޝަނުގެ ބޭނުން ހިފުމަށް ކައުންސިލުން ވަނީ ބާރުއަޅާފައެވެ.