ޔުއެފާ ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅޭ ފުޓްބޯޅަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަލަސްތީނުގެ މައްސަލައިގައި އަޔަލެންޑުން ގެންގުޅޭ ވިސްނުމާ ގުޅުވައިގެން އިޒްރޭލުގެ ނޫސްވެރިން އެ ގައުމުގެ ކޯޗު ހެއިމިރ ހަލްގްރިމްސަންއަށް ބަހުގެ ހަމަލާތަކެއް ދިނުމުން ބައްދަލުވުން ހޫނުވެ، ކުއްލި ގޮތަކަށް މެދުކަނޑާލައިފިއެވެ.
މި މެޗާ ދެކޮޅަށް ސިޔާސީ ގޮތުންނާއި އާންމުންގެ މެދުގައި ބޮޑެތި އިހުތިޖާޖުތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި ބޭއްވި މި ޕްރެސް ކޮންފަރެންސް ހޫނުވީ އިޒްރޭލު މީޑިއާގެ ފަރާތްތަކުން ތަކުރާރުކޮށް ހުރަސްއަޅައި ދިމާކުރުމުގެ ސަބަބުންނެވެ.
ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ބައްދަލުވުމުގައި އިޒްރޭލުގެ ނޫސްވެރިޔަކު ވަނީ މި ހަފުތާގެ ކުރީކޮޅު ފްލައިދުބާއީގެ ފްލައިޓެއްގެ ތެރޭގައި ހިނގި ހާދިސާއާ ގުޅުވައިގެން ކޯޗާ ސުވާލުކޮށްފައެވެ. އަދި ފަލަސްތީނަށް އަޔަލެންޑުން ކުރާ ތާއީދަށް އިޝާރާތްކޮށް، "ތިޔަބޭފުޅުން ތާއީދުކުރާ މީހުންނާ މެދު ބުނަނީ ކީކޭތޯ؟ އެމީހުންގެ ފިކުރު ބިނާވެފައިވަނީ މީހުން މެރުމުގެ މައްޗަށް،" ކަމަށް ބުނެ އެ ނޫސްވެރިޔާ ވަނީ ކޯޗާ ސުވާލު އަމާޒުކޮށްފައެވެ.
ޔޫއޭއީގެ ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވި ގޮތުގައި އެ ފްލައިޓުގެ ކޯ-ޕައިލެޓް ވަނީ ފުރޯއެއް ބޭނުންކޮށްގެން އިންޑިއާގެ ޕައިލެޓް ސްމިތު މައްޗާރަށް ހަމަލާދީ، ބޯޓު ހައިޖެކްކޮށް ޓެރަރިސްޓް އަމަލެއް ހިންގަން މަސައްކަތްކޮށްފައެވެ. ދުބާއީން އިޒްރޭލުގެ ތެލް އަވީވަށް 174 ފަސިންޖަރުންނާއެކު ދަތުރުކުރި އެ ބޯޓު ކޮންޓްރޯލް ދަށަށް ގެނައުމުގެ ކުރިން 17،000 ފޫޓު (5،180 މީޓަރު) ތިރިއަށް ވެއްޓިގެން ދިޔައިރު، ހަމަލާދިން ކަމަށް ތުހުމަތުކުރެވެނީ އޮމާންގެ ރައްޔިތެއް ކަމަށްވާ ހަމާމް އަލް-ހައްމާމީ އަށެވެ.
އިޒްރޭލު ނޫސްވެރިޔާގެ އެ ސުވާލަށް އަޔަލެންޑްގެ ކޯޗު ޖަވާބު ދިނުމުގެ ކުރިން، ފުޓްބޯލް އެސޯސިއޭޝަން އޮފް އަޔަލެންޑް (އެފްއޭއައި) ގެ ކޮމިއުނިކޭޝަންސް މެނޭޖަރު ކިއެރަން ކްރައުލީ ވަނީ ވަގުތުން ތަދައްޚުލުވެ، މެޗާ ނުގުޅޭ ސުވާލުތައް ނުކުރުމަށް އެދިފައެވެ. ނަމަވެސް އެ ނޫސްވެރިޔާ ސުވާލު ކުރިއަށް ގެންދަން މަސައްކަތް ކުރުމުން ކްރައުލީ ވަނީ އަނެއްކާވެސް އޭނާ ހުއްޓުވާފައެވެ.
Incredible respect for Ireland Press Officer, Kieran Crowley for calling out the utterly disrespectful Israeli reporter in eralier's Ireland press conference. https://t.co/3CMYWFiuQC
— All Things ROI (@AllThingsROI) October 3, 2026
"އަހަރެމެން ވާނީ ފާއިތުވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިޔަބޭފުޅުންގެ ސުވާލުތަކަށް އިހުތިރާމްކޮށްފައި. އެކަމަކު މިއަދު އަހަރެމެން ކުރިއަށް މިގެންދަނީ ހަމައެކަނި ފުޓްބޯޅައާ ގުޅޭ ސުވާލުތައް،" ޔޫރަޕްގެ މެޗުގެ ފުރަތަމަ ލެގު ބޮއިކޮޓް ކުރުމުގެ ގޮވާލުންތަކާ ގުޅޭގޮތުން އިޒްރޭލު ނޫސްވެރިން މީގެ ކުރިން ކުރި ސުވާލުތަކަށް އިޝާރާތްކުރައްވައި ކްރައުލީ ވިދާޅުވިއެވެ.
އައިސްލެންޑަށް ނިސްބަތްވާ ކޯޗު ހަލްގްރިމްސަން ފަހުން ވަނީ މި ހާދިސާއަކީ އޭނާއަށް އަމާޒުކުރި "ބަހުގެ ހަމަލާއެއް" ގެ ގޮތުގައި ސިފަކޮށްފައެވެ.
މި ބައްދަލުވުން މުޅިން ހޫނުވެގެން ދިޔައީ އިޒްރޭލުގެ އެހެން ނޫސްވެރިޔަކު އަޔަލެންޑްގެ ކުޅުންތެރިންނަށް ބޮޑު ތުހުމަތެއް އަމާޒުކުރުމުންނެވެ. އެ ނޫސްވެރިޔާ ވަނީ މެޗުގެ ތެރޭގައި އަޔަލެންޑްގެ ކުޅުންތެރިން އިޒްރޭލުގެ ކުޅުންތެރިންނާ ދިމާލަށް "ރާމާމަކުނު" ގޮވި ކަމަށް ބުނެ ތުހުމަތުކޮށްފައެވެ. މި ވާހަކަތަކާ ގުޅިގެން ކްރައުލީ ވަގުތުން ރައްދުދެއްވައި، "ތިއީ ދޮގެއް. ތިޔަ ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކައެއް،" ކަމަށް ވިދާޅުވެ، ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ވަޑައިގަތީއެވެ.
މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ސެޕްޓެމްބަރު 27 ގައި ކުޅުނުއިރު، އަޔަލެންޑްގެ އާންމުންނާއި ކުރީގެ ކުޅުންތެރިން ވަނީ އެ މެޗު ބޮއިކޮޓް ކުރުމަށް ވަރުގަދައަށް ގޮވާލާފައެވެ. މެޗު ކުޅުމުގެ އެއް ދުވަސް ކުރިން އަޔަލެންޑްގެ ގޯލްކީޕަރު ގެވިން ބަޒޫނޫ ވަނީ އިޒްރޭލާ ދެކޮޅަށް ކުޅުމަކީ ގޯހެއް ކަމަށް ބުނެ ޓީމުން އަމިއްލައަށް ވަކިވެފައެވެ. އެ މެޗު 3-0 އިން އަޔަލެންޑް ކާމިޔާބުކުރި ނަމަވެސް، އިޒްރޭލުގެ ސަޕޯޓަރުން ވަނީ އަޔަލެންޑްގެ ކުޅުންތެރިން ކަމަށްވާ އެޑަމް އިޑާ އަދި ޖޭމްސް އަބަންކްވާ އަށް ނަސްލީ ގޮތުން ދިމާކޮށް، އަސްކަރީ ޝިއާރުތައް އުފުލާފައެވެ. އެ މައްސަލައިގައި އިޒްރޭލަށް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެފްއޭއައި އިން ދަނީ އެކަން ތަހުގީގު ކުރަމުންނެވެ.
މި ކުރިމަތިލުމުގެ ދެވަނަ ލެގު އާދީއްތަ ދުވަހު ސާބިއާގެ ބަކާ ޓޮޕޯލާގެ ޓީއެސްސީ އެރީނާގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ހަލްގްރިމްސަން ބުނީ މިއީ ވަރަށް ގިނަ ޖަޒުބާތުތަކެއް އެކުލެވިގެންވާ މެޗެއް ކަމަށާއި، އަޔަލެންޑްގެ ރައްޔިތުންގެ ކިބައިން ފެންނަ ޖަޒުބާތުތަކުގެ އަސަރު ކުޅުންތެރިންނަށް ވެސް ކުރާނެ ކަމަށެވެ. އަދި މިފަދަ އަޑުގަދަ މާހައުލެއްގައި ކުޅުމަކީ ބޮޑު ގޮންޖެހުމެއް ނަމަވެސް، ޓީމުގެ އަމާޒަކީ މި މެޗުން ވެސް މޮޅުވުން ކަމަށް އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!