އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފަށައި، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގަން ނިންމައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަސައްކަތުގެ ދަށުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ މީހުންގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު، އެ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު، ޓްރެފިކް ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އެއްވެސް އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ބުންޏެވެ.
މިގޮތުން ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ، މަގުމަތީގައި ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމުގެ އިތުރުން ދުވެލިމަތަތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކާމެދުގައެވެ. މީގެއިތުރުން ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމާއި، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލުމާއި ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި މަސައްކަތުގެ ތެރެއިން ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހޯދައި، އެ އުޅަނދު ދުއްވި ފަރާތުގެ އިތުރުން އުޅަނދުގެ ވެރިފަރާތާމެދުވެސް ފިޔަވަޅު އެޅޭނެއެވެ. އަދި އެފަދަ އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މިފަދަ ނުރައްކާތެރި އަމަލުތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ޝާމިލުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން އެ ފަރާތްތަކާމެދު އެޅެންހުރި އިދާރީ ފިޔަވަޅުތައް އެޅުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކަށް އެ މައުލޫމާތުތައް މިހާރު ހިއްސާކުރަމުންދާ ކަމަށާއި، ނުރައްކާތެރިކޮށް އުޅަނދުދުއްވާ ފަރާތްތަކުގެ ތެރެއިން އެ އަމަލު ތަކުރާރުކުރާ ފަރާތްތަކުގެ ވަނަވަރު އާންމުކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، މިފަދަ މައްސަލަތަކާ ގުޅިގެން އާންމުން ހިއްސާކުރާ ފޮޓޯއާއި ވީޑިއޯ ފަދަ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!