ބޮޑުތިލަދުންމަތީ ބޮޑުބާޒާރު، އައިލެންޑް ކާނިވަލްގެ ހަރަކާތްތައް ޚާއްސަ ރަސްމިއްޔާތަކާ އެކު ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތްތައް މިއަދުން ފެށިގެން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ކުރިއަށްދާނެއެވެ.

Ad
rt

މި ކުލަގަދަ ހަރަކާތަކީ މިހާތަނަށް އަތޮޅުތެރޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކާނިވަލެވެ.

މި ބޮޑުބާޒާރު ކުރިއަށްދާނީ، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

ނަމަވެސް ކާނިވަލްގެ ހަރަކާތްތައް ކޮންމެ ދުވަހެއްގެ، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 00:00 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އިވެންޓް ސަރަހައްދަށް ވަނުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ކާނިވަލްގެ ކުޅިވަރުތަކުގައި ބައިވެރިވެވޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓެއްގެ އަގަކީ 25 ރުފިޔާއެވެ.

އައިލެންޑް ކާނިވަލްގެ ފޯރިގަދަ، މަޖާ، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކުރެވިފައިވާ ގިނަ ގޭމްތަކަކާއި އެކުގައެވެ.

އޭގެ ތެރޭގައި ބައުންސް ޒޯން، ލޭޒަރ ޓެގް، ވައިޕްއައުޓް، ބުލް ބޭޝް، ހަރިކޭން، ގްލޭޑިއޭޓަރ ޑިއުލް، ސްޓިކް މެޝިން، ޝޫޓް ޔުއަރ ޝޮޓް، ވީޑިއޯ ބޫތު، ފޮޓޯ ބޫތު، ވްރެކިންގ ބޯލް، އެކްސް ތްރޯވިންގ، ހިއުމަން ފޫސްބޯލް، ބަބުލް ހައުސް، ނަރފް ޝޫޓް އަދި ހޮރޯރ ހައުސް (ބިރުވެރި ހޮހޮޅަ) ހިމެނެއެވެ. އަދި 01 އަހަރާއި 16 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން "ކިޑްސް ޓެލެންޓް ޝޯ"، ތަފާތު އެކި އިނާމުތަކާއި އެކު 02 އޮކްޓޯބަރ 2026 (ހުކުރު) އަދި 03 އޮކްޓޯބަރ 2026 (ހޮނިހިރު) ދެ ދުވަހު ކުރިއަށް ދާނެއެވެ. މީގެ އިތުރުން، ސްޓޭޖް-ޝޯގެ ހުށަހެޅުންތައް ވެސް ކުރިއަށް ދާނެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މިއީ ކުޅުދުއްފުށީގެ އިގުތިސާދު ކުރިއެރުވުމަށާއި، އެ ސިޓީގައި ހިންގަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ވިޔަފާރިތައް އެއްފަހަރާ ބޮޑު މާކެޓަކަށް އިޝްތިހާރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މީގެ އިތުރުން، ވިޔަފާރިވެރިންގެ އުފެއްދުންތަކާއި، ވިއްކާ މުދާ އެއްތަނަކުން ދައްކާލެވޭނެ އިންތިޒާމާއި، ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހެޔޮއަގުގައި އެކި ބާވަތްތަކުގެ މުދާ ގަނެވޭނެ މަގު ފަހިކޮށްދިނުމަކީ ވެސް މި ހަރަކާތުގެ މައިގަނޑު މަގުސަދެއް ކަމުގައި އެ ކައުންސިލުން ބުނެއެވެ.

އެ ރަށުގެ 21 ފަރާތަކުން ސްޓޯލްތަކުގައި ތަކެތި ވިއްކުމަށް ހަމަޖެހިފާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދީފައިވެއެވެ.