ދުބާއީން ފުރައިގެން އިޒްރޭލުގެ ޓެލް އަވީވަށް ދަތުރުކުރި ފްލައިޑުބާއީގެ މަތިންދާބޯޓަކުން ހައިޖެކް ކުރިކަމުގެ ސިގްނަލެއް ފޮނުވުމާ ގުޅިގެން، އެ ބޯޓު މިސްރާބު ބަދަލުކޮށް ސައޫދީ އަރަބިއްޔާއަށް ކުއްލި ގޮތަކަށް ޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

މެދުއިރުމަތީގެ ބައެއް މީޑިއާތަކުން މިކަން ރިޕޯޓްކޮށްފައިވާއިރު، ބުދަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން އިޒްރޭލުން ވަނީ އެ ބޯޓަށް ފާރަވެރިވުމަށް އަސްކަރީ ޖެޓްތައް ވައިގެ ތެރެއަށް ނެރެފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

Ad
rt

27 ކުޑަކުދިންނާއެކު ޖުމްލަ 174 ފަސިންޖަރުން ގޮވައިގެން ދަތުރުކުރަމުންދިޔަ އެކުވެރި އަރަބި އިމާރާތުގެ ފްލައިޑުބާއީ (ފްލައިޓް ނަންބަރު FZ1073 - ބޯއިންގް 737 މެކްސް 8) މަތިންދާބޯޓު ދުބާއީން ނައްޓާލާފައިވަނީ ހެނދުނު 7:05 ގައެވެ. މި ބޯޓު އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް ޖައްސަން ތާވަލުކޮށްފައި އޮތީ ހެނދުނު 9:30 ގައެވެ. ނަމަވެސް ދަތުރަށް 90 ވަރަކަށް މިނެޓް ވީތަނާ، އުރުދުންގެ ވައިގެ ސަރަހައްދަށް ވަނުމާއެކު ބޯޓުން ވަނީ ކުއްލި ނުރައްކަލުގެ ސިގްނަލް ފޮނުވަން ފަށާފައެވެ.

ފްލައިޓް ޓްރެކިން މައުލޫމާތުތަކުން ދައްކާގޮތުގައި ބޯޓުން އެންމެ ފުރަތަމަ ފޮނުވީ އާންމު ކުއްލި ނުރައްކަލުގެ ސިގްނަލް ކަމަށްވާ "7700" އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ބޯޓު ހައިޖެކްކުރުން ފަދަ ޣައިރުގާނޫނީ އަމަލެއް ހިނގަމުންދާކަން އަންގައިދޭ "7500" ސިގްނަލް ބޯޓުން ވަނީ ފޮނުވާފައެވެ. އޭގެ ފަހުން ބޯޓުގެ ޓްރާންސްޕޮންޑަރު ނިވައިލެވި، ފްލައިޓް ޓްރެކިން ސިސްޓަމްތަކުން ބޯޓު ވަނީ ގެއްލިފައެވެ. ސިގްނަލް ފޮނުވުމަށްފަހު ބޯޓު ވަނީ އަމިއްލައަށް ތިރިއަށް ފައިބައި، ޔޫ-ޓާނެއް ނެގުމަށްފަހު ސައޫދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓް ކައިރިއަށް މިސްރާބު ބަދަލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިޒްރޭލް ކާޓްޒް ވަނީ ކުއްލި ސެކިއުރިޓީ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި އިޒްރޭލުގެ ފުލުހުންގެ އޮޕަރޭޝަންސް ޑިވިޒަނުން ވަނީ އެހެން ސެކިއުރިޓީ އިދާރާތަކާ ގުޅިގެން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފައެވެ. ފުލުހުންގެ ކޮމިޝަނަރު ބުނެފައި ވަނީ، ކޮންމެ ހާލަތަކަށްވެސް ތައްޔާރުވަމުންދާ ކަމަށެވެ.

އިޒްރޭލުގެ ސެކިއުރިޓީ އޮފިޝަލަކު ބުނެފައި ވަނީ، ބޯޓު ހައިޖެކް ކުރިކަމުގެ ކަށަވަރު މައުލޫމާތެއް ލިބިފައި ނުވިނަމަވެސް، ޕައިލެޓާ ގުޅުން ކެނޑިފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ހައިޖެކް ކުރިކަމުގެ ސާފު މައުލޫމާތެއް ނެތް. ނަމަވެސް ޕައިލެޓް ވަނީ ކުއްލި ނުރައްކަލުގެ ސިގްނަލް ފޮނުވާފައި. އަދި ޕައިލެޓާ ގުޅުން ގާއިމުކުރެވޭ ގޮތް ނުވުމަކީ ކަންބޮޑުވުމެއް،" އެ އޮފިޝަލް ބުނެފަވެއެވެ.

އެންމެ ފަހުގެ މައުލޫމާތުތަކުން އެނގޭގޮތުގައި، ބޯޓު އެނބުރި ދުބާއީއަށް ދިޔުމަށް މިސްރާބު ބަދަލުކުރުމާއެކު ހައިޖެކް ސިގްނަލް (7500) ވަނީ ކެންސަލްކޮށްފައެވެ. އަދި މި ހާދިސާއަކީ ފަންނީ މައްސަލައަކުން ނުވަތަ އިޖުރާއީ އޮޅުމަކުން ދިމާވި ކަމެއްތޯ ބެލުމުގެ މަސައްކަތް ގްރައުންޑް ކޮންޓްރޯލުން ދަނީ ކުރަމުންނެވެ.