ތުރުކީގެ އިސްތަންބޫލް އެއާޕޯޓުން އީރާނުގެ ތެހެރާނަށް ފުރަން ތައްޔާރުވެފައި އޮތް ކެސްޕިއަން އެއާލައިންސްގެ މަތިންދާބޯޓެއް، ނުދައްކައި އޮތް ދަރަންޏަކާ ގުޅިގެން ތުރުކީގެ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.
ތުރުކީގެ އޮފިޝަލުން މި ބޯޓު ހިފެހެއްޓީ ތިން މިލިއަން ޔޫރޯގެ ދަރަންޏަކާ ގުޅިގެންނެވެ.
ރަޖިސްޓްރީ ނަންބަރު އީޕީ-ކޭޕީބީގެ ބޯއިންގް 737 މަރުކާގެ މި މަތިންދާބޯޓު ފުރަން ތައްޔާރުވެފައި ވަނިކޮށް، ތުރުކީގެ ކޯޓު އަމުރު ތަންފީޒުކުރާ އޮފިޝަލުންނާއި ވަކީލުން އަދި ތަންފީޒީ އިދާރާތަކުގެ އޮފިޝަލުން ވަނީ ބޯޓަށް އަރައިފައެވެ. އެއާއެކު ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ކެބިން ކްރޫއިން ބޯޓުން ބާލައި، އެއާޕޯޓުގެ ޓާމިނަލަށް ވަނީ ބަދަލުކޮށްފައެވެ.
މި މަތިންދާބޯޓު ހިފެހެއްޓީ ތުރުކީގެ އޭވިއޭޝަން ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ އޭސީއެމް ތެމްސިލް ގޮޒެތިމް އަށް ދައްކަންޖެހޭ ގްރައުންޑް ހޭންޑްލިންގ އަދި އެއާޕޯޓު ހިދުމަތްތަކުގެ ފީ ނުދައްކައި ގިނަދުވަސްވުމާ ގުޅިގެން، އެ ކުންފުނިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި ދައްކަންޖެހޭ ދަރަނީގެ އަމުރުގެ އަދަދަކީ ތިން މިލިއަން ޔޫރޯ (ގާތްގަނޑަކަށް 3.4 މިލިއަން އެމެރިކާ ޑޮލަރު) އެވެ.
މި ހާދިސާއާ ގުޅިގެން ކެސްޕިއަން އެއާލައިންސުން ވަނީ މިއީ ތުރުކީގައި ދިމާވި ވަގުތީ "އިދާރީ މައްސަލައެއް" ކަމަށް ބުނެފައެވެ. އަދި އެ އެއާލައިންގެ ގާނޫނީ ޓީމުން ދަރަނި އަދާކޮށް، ދަތުރުތައް އަލުން އަވަހަށް ފެށުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
މި ކޯޓު އަމުރަކީ ސީދާ ދިޕްލޮމެޓިކް ފިޔަވަޅަކަށް ވުރެ ބޮޑަށް އަމިއްލަ ވިޔަފާރި ދަރަންޏެއް ތަންފީޒުކުރުމުގެ ގޮތުން ނެރުނު އަމުރެއް ކަމަށްވީ ނަމަވެސް، މި ހާދިސާ ހިނގާފައިވަނީ އީރާނުގެ އެއާލައިންތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ތުރުކީން އީރާނުގެ މަތިންދާބޯޓު ހިފެހެއްޓީ އީރާނުގެ އޭވިއޭޝަން ދާއިރާއަށް އަމާޒުކޮށް އެމެރިކާއިން އަޅާފައިވާ ދެވަނަ ދަރަޖައިގެ ފިޔަވަޅުތަކަށް އަމަލުކުރަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެމެރިކާގެ އެ ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ މައި އެއާޕޯޓުން ކުރާ ބައިނަލްއަގުވާމީ ދަތުރުތަކުގެ އަދަދު ވަނީ ދެބައިކުޅައެއްބަޔަށް ދަށްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!