ސޭފްޓީ އެންޑް ސެކިޔުރިޓީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ އަޒުމަކަށްވާންވީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމަށް ދިވެހިރާއްޖެ ހެދުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔަރ، ސޭފްޓީ އެންޑް ސެކިޔުރިޓީ އިންޑަސްޓްރީ (މަފްސީން) އިން އިންތިޒާމްކޮށްގެން ބާއްވާ ސޭފްޓީ އެންޑް ސެކިޔުރިޓީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކާގައެވެ.

Ad
rt

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކާގައި ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އޮތްއިރު، ރާއްޖެއަށް އަންނަ މެހެމާނުންގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ސަރުކާރުގެ މުއައްސަސާތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ސެކިޔުރިޓީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އާންމުކޮށް ފެންނަ ކުށްތަކުގެ އިތުރުން، އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތަކާއި، ގުދުރަތީ ކާރިސާތަކުގެ އިތުރުން ސައިބަރ އެޓޭކްތަކާއި އޮންލައިން ފްރޯޑްގެ އަމަލުތަކަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކާއި އާންމު ސިއްޙަތާ ގުޅުންހުރި ކަންކަމަކީވެސް ސަމާލުވާންޖެހޭ ކަންކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކަންކަން ފެތުރިގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކަމެއް ވުމުގެ ކުރިން އެކަމަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި ތައްޔާރުވެ ތިބުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަކީ ރައްކާތެރި އަދި ވިލުންތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓޭނީ ހަރުދަނާ ސިޔާސަތުތަކާއި ތަމްރީނުތަކުގެ އިތުރުން، އިންވެސްޓްމަންޓާއި ޓެކްނޮލޮޖީއާއި އެކި މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، ރައްކާތެރި މަންޒިލެއްގައި މަސައްކަތް ކުރާނީ މިއަދު ދިމާވާ ކަންކަމަށް ހައްލު ހޯދަން ނަމަވެސް ވިލުންތެރި މަންޒިލެއްގައި މަސައްކަތް ކުރާނީ މުސްތަޤުބަލަށް ވިސްނައިގެންކަމަށެވެ.

''އެހެންވީމަ ރައްކާތެރި އަދި ވިލުންތެރި މަންޒިލެއްގައި ހަރުދަނާ ސޭފްޓީ އެންޑް ސެކިއުރިޓީ ސިޔާސަތުތަކެއް ގެންގުޅުމަކީ މުހިންމު ކަމެއް. މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސަރުކާރާއި ދާއިރާގެ އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ ހިރާސްތައް ކުޑަކޮށް، ދުރާލައި ތައްޔާރުވެ ތިބުމާއި ފުރާނަ ސަލާމަތްކުރުމާއެކު ރައްޖެއަކީ ރައްކާތެރި މަންޒިލެއްކަމުގެ އިހުސާސް ފަތުރުވެރިންނަށް ކޮށްދިނުމަށް،" ވަޒީރު ވިދާޅުވެފަވެއެވެ.

މަފްސީންއިން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސޭފްޓީ އެންޑް ސެކިޔުރިޓީ ކޮންފަރެންސަކީ ދައުލަތުގެ އެކި މުއައްސަސާތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއި ސެކިޔުރިޓީ ދާއިރާގެ ފަރާތްތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތައް ދެނެގަނެ، މަޝްވަރާއާއި ޚިޔާލު ބަދަލުކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.