ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެ ސިޓީގައި ބާއްވާ " ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު"ގެ ދަޢުވަތު ދެއްވުމަށް، ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އާތިފް ހިމެނޭހެން، ސިޓީ ކައުންސިލްގެ ޓީމެއް ބޮޑު ތިލަދުންމަތީގެ ރަށްރަށަށް ދަތުރެއް ފަށައިފިއެވެ.
މި ދަތުރުގައި ކުޅުދުއްފުށި ސިޓީއާއި، ކައުންސިލްތަކާ ދެމެދު ވިޔަފާރި އާއި އިޤްތިޞާދީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންދަނީ، ވާހަކަ ދައްކައި މަޝްވަރާ ކުރައްވަމުންނެވެ.
މީގެއިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ޚިދުމަތް ހޯދުމަށް އަތޮޅުތަކުން ޒިޔާރަތްކުރާ ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ކަންކަމާ ގުޅޭ ގޮތުން އެ ރަށްރަށުގެ ކައުންސިލާއެކު ހިޔާލު ބަދަލުކުރުމަށް ކުޅުދުއްފުށީ ސިޓީކައުންސިލުން ނިންމާފައިވެއެވެ.
ސިޓީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި އެ ކައުންސިލުން ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުން، ބާރަށް، ފިއްލަދޫ، މުރައިދޫ، ދިއްދޫ އަދި އުތީމު ހިމެނެއެވެ. އަދި ހދ. އަތޮޅުން ނޮޅިވަރަން، ހަނިމާދޫ، ފިނޭ، ހިރިމަރަދޫ، ނައިވާދޫ، ނެއްލައިދޫ، ކުރިނބީ، ނޮޅިވަރަންފަރު، ކުމުންދޫ، ނޭކުރެންދޫ އަދި ވައިކަރަދޫއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ށ. އަތޮޅުން ކަނޑިތީމު، ގޮއިދޫ، ބިލެތްފަހި، ފޭދޫ، ފޯކައިދޫ، ފީވައް އަދި ނޫމަރާއަށް ޒިޔާރަތްކުރުމަށް ވެސް އެ ކައުންސިލުން ނިންމާފައިވެއެވެ.
ސެޕްޓެމްބަރ 30 އިން އޮކްޓޯބަރ 4 ގެ ނިޔަލަށް ކުޅުދުއްފުށީގައި ކުރިއަށްދާ ބޮޑޫ ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައެވެ. ޖުމްލަ 22 ސްޓޯލް ހިމެނޭ މި ބޮޑު ބާޒާރަކީ، މިހާތަނަށް، ތިލަދުންމަތީގައި ބޭއްވޭ އެންމެ ބޮޑު ބާޒާރެވެ.
މި ބާޒާރު ކުރިއަށް ދާނީ މުނިފޫހި ފިލުވުމުގެ ޚަރަކާތްތަކާއެކުގައެވެ. އެ ގޮތުން އައިލެންޑް ކާނިވަލްގެ ގޭމްތައް ކުޅުމުގެ ފުރުޞަތު ވެސް އާންމުންނަށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!