ދިވެހިރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން "ކެމިކަލް ވިއްކުމުގެ ހުއްދަ" ނެގުމަށާއި، އެފަދަ ކެމިކަލްތައް ބަހައްޓާ ނުވަތަ ސްޓޯރ ކުރާ ތަންތަން ރަޖިސްޓަރ ކުރުމަށް ދީފައިވާ މުއްދަތު މިއަދުން ފެށިގެން އިތުރު އެއް މަސް ދުވަހަށް އިތުރުކޮށްފިއެވެ.
މި ގޮތަށް މުއްދަތު އިތުރުކޮށްދީފައިވާކަން ހާމަކުރައްވާފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި އިތުރުކޮށްދެވުނު އެއް މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ނުރައްކާތެރި ކެމިކަލް ވިއްކުމުގެ ހުއްދަ ނެގުމުގެ އިތުރުން، އެ ކެމިކަލްތައް ވިއްކުމަށްޓަކައި ސްޓޯރ ކުރާ ނުވަތަ ބަހައްޓާ ތަންތަން "މަކުޑި ޕޯޓަލް" މެދުވެރިކޮށް ރެޖިސްޓަރ ކުރަންޖެހޭނެއެވެ.
މި މުއްދަތު އިތުރުކޮށްދޭން ޖެހުނު ސަބަބު ބަޔާންކުރައްވަމުން ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ބުނީ، ކުރިން ދެވިފައިވާ މުއްދަތު ހަމަވިއިރު، އެ މުއްދަތުގެ ތެރޭގައި ކެމިކަލް ވިއްކާ ފިހާރަތައް ރަޖިސްޓްރީކުރުމާއެކު ހުއްދައަށް އެދިލައްވާފައިވާ ފަރާތްތަކުގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، ނުރައްކާތެރި ކެމިކަލްގެ ވިޔަފާރިކުރާ އެންމެހައި ފަރާތްތަކުން ވެސް އަލުން ދެވުނު މި މުޚުލަތުގެ ތެރޭގައި މަކުޑި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ކަންކަން ފުރިހަމަކޮށް، ހުއްދަ ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކަމުންދާ ފަރާތްތަކާމެދު ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
މީގެއިތުރުން، އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ކެމިކަލް ވިއްކާ ފަރާތްތަކަށް، ނުރައްކާތެރި ކެމިކަލް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އިތުރަށް ދެވެން ނޯންނާނެ ކަމަށްވެސް އެ ވުޒާރާއިން ދީފައިވާ މައުލޫމާތުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!