ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ށ. މާއުނގޫދޫގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ ސިއްރުފެންފުށި ޕްރައިވެޓް ލެގޫން ރިސޯޓުން އިސްނެގުމާގުޅިގެން، މާއުނގޫދޫ ކައުންސިލުން އިންތިޒާމްކޮށްގެން ހިންގުނު ހަރަކާތެކެވެ.
މާއުނގޫދޫ ކައުންސިލް ރައީސް މުޙައްމަދު އިރުފާމް "ތިލަދުން"އަށް ވިދާޅުވީ، މި ހަރަކާތުގައި ޖުމްލަ 45 ގަސް އެ ރަށުގެ ފުއްޓަރު ބީޗު ސަރަޙައްދުގައި އިންދާފައިވާނެކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، މަގޫގަހާއި ބޯށި ގަހުގެ އިތުރުން ކުރެދި ފަދަ، ރާއްޖޭގެ ގޮނޑުދޮށްތަކާއި އަތިރިމަތީގައި ހެދޭ ފަދަ ގަސްގަހެވެ.
"އަޅުގަނޑުމެން މި އިންދީ އަތޮޅުތެރެއިން ދުޅަހެޔޮކޮށް ހުރި ރަނގަޅު ގަސް ގަނެގެން ގެނެސްގެން." އިރުފާމް ވިދާޅުވިއެވެ.
މީގެއިތުރުން އެ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތުގައި އިންދާފައިވާ ގަސްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ، އެ ރަށުގެ ފުއްޓަރު ބީޗު ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދާ ކައުންސިލްގެ މުވައްޒަފެވެ.
ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި، ރަށްރަށުގައި މި ފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ސިއްރުފެންފުށި ޕްރައިވެޓް ލެގޫން ރިސޯޓުން، ގަސްއިނދުމުގެ ހަރަކާތުގެ ތެރެއިން މާއުނގޫދޫއަށް އެހީއެއްގެ ގޮތުގައި، 1000 ފައިވާން ހަދިޔާކޮށްފައިވެއެވެ. އެ ފައިވާންތައް ރައްޔިތުންނަށް ބެހުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާނެކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!