ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗު ބޮއިކޮޓްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގޮވާލަމުންދަނިކޮށް، ކަޅު އާމްބޭންޑް އަޅައިގެން ކުޅެ ރިޕަބްލިކް އޮފް އައިރަލެންޑުން 3-0 އިން އިސްރާއީލުގެ މައްޗަށް ކުރިހޯދައިފިއެވެ.
ހަންގޭރީގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގައި އައިރަލެންޑުގެ ކުޅުންތެރިން ވަނީ ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާމުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އިހުތިޖާޖީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.
މި މެޗު ފެށުމުގެ ކުރިން އިސްރާއީލުގެ ގައުމީ ސަލާމް ކުޅުނު ވަގުތު އައިރަލެންޑުގެ ކުޅުންތެރިން ތިބީ އިސްޖަހައިގެންނެވެ. އަދި މެޗުގެ ކުރިން އިސްރާއީލުގެ ކުޅުންތެރިންނާއެކު ސަލާމްކުރުމަށްވެސް އަޔަލެންޑު ޓީމުން ވަނީ އިންކާރުކޮށްފައެވެ. މީގެ އިތުރުން، އަޔަލެންޑު ޓީމުގެ ކެޕްޓަން ދާރާ އޯޝޭ ވަނީ މި މެޗުން އޭނާއަށް ލިބޭ އެންމެހައި ފައިސާއެއް ގައްޒާއަށް އެހީވުމަށް ދެންނެވުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް އައިރަލެންޑް (އެފްއޭއައި) ގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ކޫރެލް ހޮނިހިރު ދުވަހު ބުނީ، ކުޅުންތެރިންގެ މެދުގައި ނެގުނު ވޯޓަކާއި ގިނަ އިރުތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަށްފަހު މެޗުގައި ކުޅެން ނިންމީ "ހަނގުރާމައިގައި ގެއްލިގެންދިޔަ އެންމެހައި ފުރާނަތަކުގެ ހަނދާނުގައި" ކަޅު އާމްބޭންޑް އަޅައިގެން ކަމަށެވެ. އަދި އައިރަލެންޑުގެ ކުޅުންތެރިން އިސްރާއީލު ކުޅުންތެރިންނާ ސަލާމް ނުކުރާނެކަން އެފްއޭއައި އިން ކުރިން އިސްރާއީލަށް އަންގާފައިވާ ކަމަށާއި، ޔޫއީއެފްއޭ އިންވެސް އެ އިންތިޒާމު ގަބޫލުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެފްއޭއައި އިން މި މެޗުގައި ބައިވެރިވާނެކަން ކަށަވަރުކޮށްދިނުމާ ގުޅިގެން، އައިރަލެންޑު ޓީމުގެ ފުރަތަމަ ގޯލްކީޕަރު ގޭވިން ބާޒޫނޫ ވަނީ މި މެޗުގައި ކުޅެން އިންކާރުކޮށް، ފާޅުގައި ޓީމުން ވަކިވި ހަމައެކަނި ކުޅުންތެރިޔާއަށް ވެފައެވެ. ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބާޒޫނޫ ބުނީ، އިސްރާއީލާ ދެކޮޅަށް ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިވުމަކީ ގޯހެއް ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ އިސްރާއީލާ ދެކޮޅަށް ކުޅޭ ދެ މެޗުންވެސް ނަން ނަގާފައެވެ. މީގެ ތެރޭގައި އޮކްޓޯބަރު 4 ވަނަ ދުވަހު ސާބިއާގެ ބަޗްކާ ތޮޕޯލާގައި އިސްރާއީލާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުވެސް ހިމެނެއެވެ.
އިސްރާއީލުން ގައްޒާގައި ހިންގަމުންދާ ގަތުލުއާމާ ގުޅިގެން އެފްއޭއައި އަށް މި މެޗު ބޮއިކޮޓްކުރުމަށް މަސްތަކެއް ވަންދެން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައި ވަނިކޮށް މެޗު ކުރިއަށްގެންގޮސްފައިވާއިރު، މޭ މާހުން ފެށިގެން އަޔަލެންޑުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވަނީ "އައިރިޝް ސްޕޯޓްސް ފޯ ފަލަސްތީން" އިން ހިންގި ހަރަކާތުގައި ބައިވެރިވެފައެވެ. އަދި އައިރަލެންޑުގެ 160 އަށްވުރެ ގިނަ އެތުލީޓުން ވަނީ މެޗު ކުޅެން އެފްއޭއައި އިން ނިންމި ނިންމުން މުރާޖާއާ ކުރުމަށް އެދި ހުޅުވާލެވިފައިވާ ސިޓީއެއްގައި ސޮއިކޮށްފައެވެ.
މި ހަރަކާތުން ފާހަގަކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ކްލަބްތަކަށް ކުޅުމުގެ ފުރުސަތު ދީގެން ޔޫއީއެފްއޭ އާއި ފީފާގެ ގަވާއިދުތަކާ ހިލާފުވެފައެވެ. އަދި އެ ދެ ފުޓްބޯޅަ އިދާރާގެ މެންބަރުކަމުން އިސްރާއީލު ވަކިކުރަންޖެހޭ ކަމަށްވެސް އެ ހަރަކާތުން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!