ޔޫއެފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހު އޮސްލޯގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ޕޯޗުގަލް މޮޅުވެއްޖެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނުކުތް ގޮންސާލޯ ރާމޯސް ވަނީ މެޗުން ޕޯޗުގަލް މޮޅުކޮށްދިން ލަނޑު ޖަހައިދީފައެވެ. މިއީ ނޭޝަންސް ލީގުގެ ތަށި ދިފާއުކުރުމުގެ ކެމްޕޭނުގައި ޕޯޗުގަލްއިން ޖެހިޖެހިޖެހިން ހޯދި ދެވަނަ މޮޅެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މުޅި މެޗުގައި ބެންޗުގައި އިނދެފައިވާ އިރު، މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕޯޗުގަލްގެ ބެންޗުގައި އޭނާ އިިން ފުރަތަމަ ފަހަރެވެ. ކޯޗު ޖޯޖް ޖީސަސް ވަނީ ބައިނަލްއަގުވާމީ މެޗުތަކުގެ މި ދުވަސްވަރު ރޮނާލްޑޯ ކުޅޭ މިނެޓުތައް މެނޭޖުކުރުމުގެ ގޮތުން އޭނާ ކުޅެން ނެރެފައެއް ނުވެއެވެ. ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު، ޖީސަސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ގްރޫޕް އޭ4 ގައި ވޭލްސް އަތުންވެސް އެ ޓީމު ވަނީ 1-0 އިން މޮޅުވެފައެވެ.
ފުރަތަމަ މެޗުގައި 3-2 އިން ޑެންމާކް ބަލިކުރި ނޯވޭއަށް މި މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން އާލިން ހާލަންޑް ފޮނުވާލި ވޮލީ، ޕޯޗުގަލްގެ ގޯލްކީޕަރު ދިއޯގޯ ކޮސްޓާ ވަނީ ދިފާއުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗުގެ 17 ވަނަ މިނެޓުގައި ޖޮއާއޯ ފެލިކްސް ވަނީ އޭރިއާ ބޭރުން ތިރިތިރިން ގޯލުގެ ކޮޅަށް ބޯޅަ އަމާޒުކޮށްލައިގެން ޕޯޗުގަލްއަށް ކުރިހޯދައިދީފައެވެ. ހާލަންޑް ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ހަމަލާއެއް މެންޗެސްޓާ ސިޓީގައި އޭނާއާއެކު ކުޅޭ ރުބެން ދިއާސް ދިފާއުކުރިއިރު، ފުރަތަމަ ހާފު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ހާލަންޑް ބޮލުން ފޮނުވާލި ބޯޅައެއްވެސް ކީޕަރު ކޮސްޓާ ވަނީ ދިފާއުކޮށްފައެވެ.
ނޯވޭއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށިގެން ހަ މިނެޓު ތެރޭގައެވެ. ޕެޓްރިކް ބާގް ބޮލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިއީ ހާލަންޑް ޖަހައިދިން ލަނޑެކެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ނޯވޭގެ ކީޕަރު އޯޔަން ނީލަންޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕޯޗުގަލްއިން އަލުން ކުރިހޯދިއެވެ. ނީލަންޑް ސީދާ ރާމޯސްއަށް ދިން ބޯޅަ، އޭނާ ވަނީ މަޑުމަޑުން ގޯލުގެ ތެރެއަށް އުފުލާލައިގެން ލަނޑު ޖަހައިފައެވެ.
މެޗުގެ ނަތީޖާ ފުޅާކުރުމަށް ޕޯޗުގަލްއިން މަސައްކަތްކުރި އިރު، ރަފޭލް ލިއާއޯ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފައެވެ. މީގެއިތުރުން ކީޕަރު ނީލަންޑަށް ހެދުނު އަނެއް ގޯހެއްގެ ފައިދާ ނަގައި ރާމޯސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ނިންމީ އޭނާ އޮފްސައިޑްގައި ހުރި ކަމަށެވެ. މެޗުގެ ފަހުކޮޅު ނޯވޭއިން މުޅި ޓީމު ކުރިއަށް ޖައްސައިގެން، ކީޕަރު ނީލަންޑްވެސް ކުރިއަށް އަރައިގެން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
މެޗަށްފަހު ސްޕޯޓް ޓީވީއަށް ދިން އިންޓަވިއުއެއްގައި ރާމޯސް ބުނީ، ވަރުގަދަ ނޯވޭއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ ހޯދުނީ މުހިންމު މޮޅެއް ކަމަށެވެ. އަދި އާ ކޯޗު ޖޯޖް ޖީސަސްގެ އިރުޝާދުގެ ދަށުން ޓީމުން ރަނގަޅު ފެށުމެއް ހޯދާފައިވާ ކަމަށާއި، ކޯޗުގެ ވިސްނުންތަކާ އެއްގޮތަށް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އިތުރަށް ރާމޯސް ބުނީ، ކުރިއަށް އޮތް ތަނުގައި ޓީމު އިތުރަށް ރަނގަޅުކޮށް، ކޮންމެ މެޗަކުންވެސް މޮޅުވުމަށް އަމާޒުހިފާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!