ހޯރްމުޒް ކަނޑުއޮޅިން އެމެރިކާގެ އޮޓޮނޮމަސް އަންޑަރވޯޓަރ ވިއެކަލް (އޭޔޫވީ) ނުވަތަ އަޑިއުކަނޑުގެ ޑްރޯނެއް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ނޭވީން އަތުލައިގެންފިއެވެ. އަދި އެމެރިކާއިން ދީފާނެ އަސްކަރީ ހަމަލާއަކަށް ނުވަތަ ރައްދު ފިޔަވަޅަކަށް އީރާނުގެ ސިފައިން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އަތުލައިގަތް ކަނޑުގެ ޑްރޯން ފެންނަ ވީޑިއޯ ފުޓޭޖް އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރްއައިބީ) އިން ވަނީ އާންމުކޮށްފައެވެ. އައިއާރްޖީސީން ބުނި ގޮތުގައި އެ އުޅަނދު އަތުލައިގެންފައިވަނީ އިލެކްޓްރޯނިކް އަދި އިންޓެލިޖެންސް ސަވޭލަންސް ގާބިލުކަން ބޭނުންކޮށްގެން، ކަނޑުގެ އަޑިން ދަތުރުކުރަނިކޮށް ހުރަސްއަޅައިގެންނެވެ.

Ad
rt

އީރާނުން އެންމެ ފަހުން ނެރުނު ބަޔާންތަކުގައި ބުނެފައިވާ ގޮތުން، އަތުލައިގަނެވިފައިވަނީ "ރީމަސް 600" މަރުކާގެ ޑްރޯނެކެވެ. މީގެ ކުރިން ނެރުނު ރިޕޯޓްތަކުގައި އެއީ "އެންޑުރިލް ޑައިވް-އެލްޑީ" މަރުކާގެ އަންމޭންޑް އަންޑަރސީ ވިއެކަލެއް ކަމަށް ބުނެފައިވެއެވެ. އީރާނުގެ މާހިރުން މިހާރު ދަނީ އެ ޑްރޯންގައި ރެކޯޑުކުރެވިފައިވާ ނެވިގޭޝަން އަދި ސެންސަރީ ޑޭޓާ ނެގުމަށް މަސައްކަތް ކުރަމުންނެވެ.

ތެހެރާނުން އިއުލާނުކޮށްފައިވާ ގޮތުގައި، ޕަރޝިއަން ގަލްފާއި ހޯރްމުޒް ކަނޑުއޮޅީގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރީ ބާރުތައް އޮތީ އެމެރިކާގެ އެއްވެސް އަސްކަރީ ރައްދަކަށް ކުރިމަތިލުމަށް ތައްޔާރަށެވެ. އަދި އީރާނުގެ ކަނޑުގެ ސަރަހައްދީ އިމާ ކައިރީގައި ހުއްދަނެތި އަސްކަރީ ފާރަލުމުގެ އޮޕަރޭޝަންތައް ހިންގުމާ ދެކޮޅަށް އީރާނުން ވަނީ ހަރުކަށި އިންޒާރުތަކެއް ދީފައެވެ.

އެމެރިކާގެ އަސްކަރީ ނޭވީން "ރީމަސް 600" އާއި "ޑައިވް-އެލްޑީ" ފަދަ އޮޓޮނޮމަސް އަންޑަރވޯޓަރ ވިއެކަލްތައް އާންމުކޮށް ބޭނުންކުރަނީ ކަނޑުގެ އަޑީގެ ޗާޓު ކުރެހުމަށާއި، ކަނޑުގެ މައިންތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށެވެ. މީގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު އެއްކުރުމަށާއި ކަނޑުއަޑީގެ އިންފްރާސްޓްރަކްޗަރތައް އިންސްޕެކްޓްކޮށް ބެލެހެއްޓުމަށްވެސް މިފަދަ އުޅަނދުތައް ބޭނުންކުރެއެވެ.

މި ސަރަހައްދުގެ ކަނޑުތަކުގައި ދުއްވާ އަންމޭންޑް ސަބްމާސިބަލްތަކަކީ އާންމު ފާރަލުމުގެ އޮޕަރޭޝަންތައް ހިންގާ އުޅަނދުތަކެއް ކަމަށް އެމެރިކާގެ ދިފާއީ ތަރުޖަމާނުން މީގެ ކުރިން ބުނެފައިވެއެވެ.