ހއ. މުރައިދޫ ކައުންސިލުން އެ ރަށުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ، އެ ރަށުގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތަކީ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށް، ކޮންމެ ހަތަރު މަހުން އެއްފަހަރު، ބޭއްވުމަށް ނިންމާފައިވާ ހަރަކާތެއްކަމަށެވެ.
މި ހަރަކާތުގެ ތެރެއިން، ރަށުގައި މަދިރި އުފެދޭ ތަންތަން ނައްތާލައިފައިވާއިރު، ފެންބޮޑުވެ، ފެން ހެދޭ ތަންތަން ނައްތާލުމަށް އެކި ސައިޓްތަކުގެ އިސްވެރިންނަށް އަންގާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުރައިދޫގެ ޤުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފައިގެން ރަށުގެ އިޤްތިޞާދު ފަތުރުވެރިކަމުގެ ތެރެއިން ކުރިއެރުވުމަށްޓަކައި ވެސް އެ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ޓޫރިޒަމަށް ދޫކުރެވިފައިވާ 4 ބިމުގައި ވަރަށް އަވަހަށް ގެސްޓްހައުސް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވާފައިވެއެވެ.
ގެސްޓްހައުސް ވިޔަފާރީގެ އިތުރުން، ފަތުރުވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށްވެސް ކައުންސިލުން ދަނީ ރާވަމުންނެވެ. އެގޮތުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަ ފެންވަރު ރަނގަޅު ރެސްޓޯރެންޓްތަކެއް ތަރައްޤީކުރުމާއި، ޓޫރިޒަމްގެ މުހިންމުކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ކައުންސިލުން މަސައްކަތް ކުރަމުން ދާކަމަށް އަމްޖަދު ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!