ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަންދީ، އެމީހުން އާއްމު ދިރިއުޅުމަށް ދިއުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި މަރުކަޒުތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު ޤީލާ މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

މި ޕްރޮގްރާމްގައި ދެއްކެވި ވާހަކާގައި ޤީލާ ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދޭ މި މަރުކަޒުތައް ތަރައްޤީކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގެ އިތުރުން އުތުރުން ރ. އުނގޫފާރާއި ދެކުނުން އައްޑޫ ސިޓީގައި ކަމަށެވެ. މީގެތެރެއިން އައްޑޫ ސިޓީގައި ހަދާ މަރުކަޒުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިއަހަރު އިޢުލާނުކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓު"ގެ ދަށުންނެވެ.

މި މަރުކަޒުތަކުން ލިބިގެންދާނެ ޚިދުމަތްތަކާއި އެހީތެރިކަމާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބޭނުންވާ އެހީއާއި ރައްކާތެރިކަމާއި މާލީ އެހީވެސް އެ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ. އަދި ދަރިން ތިބިނަމަ، އެ ކުދިންގެ ސްކޫލްގެ ކަންކަން ހަމަޖެއްސުމާއި ދިރިއުޅުމުގެ އެންމެހާ ކަންކަމަށް ވެސް އެ މަރުކަޒުތައް މެދުވެރިކޮށް މަގުފަހިކޮށްދޭނެއެވެ.

މީގެއިތުރުން، ގެވެށި އަނިޔާ ލިބޭ މީހުން އެފަދަ ނަފްސާނީ ޙާލަތުން އަރައިގަތުމަށް ބޭނުންވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އެހެނިހެން އެހީތެރިކަންވެސް އެ ސެންޓަރުތަކުގައި ހަމަޖައްސައިދެވޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓްކުރެވޭ މިންވަރަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް 1،193 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރުގައި 236 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނައިން މައްސަލަތައް ހުށަހަޅާފައިވަނީ މާލެ ސަރަޙައްދުންނެވެ.