ރަދީފުން ބަސް ހޯދުމާއި ބަހުގެ އެކި މަޢުލޫމާތުތައް ދެނެގަނެވޭނެ ގިނަ ލުއިފަސޭހަތަކާއި އައު ސިފަތަކާއެކު، ދިވެހިބަހުގެ ރަދީފުގެ އައު އިސްދާރު ދިވެހިބަހުގެ އެކެޑަމީން ނެރެފިއެވެ.
ފަންނިއްޔާތުގެ އެހީގައި ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ނެރުނު މި އައު އިސްދާރުގެ އެޕްލިކޭޝަނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މި އިސްދާރުން ލިބިގެންދާ އެންމެ ބޮޑު އެއް ފަސޭހައަކީ ކޮންމެ އަކުރެއްގެ ރަދީފު ވަކިވަކިން ބަލައިލެވުމާއި، ހުރިހާ ލަފުޒެއްގެ މާނަތައް އެއް ލިސްޓަކުން ފެންނަން ހުރުމެވެ. މީގެ އިތުރުން، ބޭނުންކުރާ ފަރާތްތަކަށް އެންމެ މަޤުބޫލު ލަފުޒުތައް ފާހަގަކޮށްފައި ބެހެއްޓޭނެ އިންތިޒާމާއި، ކުރިން ހޯދާފައިވާ ލަފުޒުތަކުގެ ތާރީޚު ވަކިން ފެންނާނެ ނިޒާމެއް ވެސް ވަނީ ހިމަނައިފައެވެ. އަދި ކުރިން ލަފުޒެއްގެ މާނަ ހިއްސާކުރެވެނީ ހަމައެކަނި ލިންކެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، މި އައު އިސްދާރާއެކު ލަފުޒާއި އޭގެ މާނަ އެކީގައި ހިއްސާކޮށްލެވޭނެއެވެ.
ބަހުގެ މުއްސަނދިކަން އިތުރުކުރުމުގެ ގޮތުން، ކޮންމެ އަހަރަކު ރަދީފަށް އިތުރުކުރެވޭ ލަފުޒުތައް "ބަސްތޫރަ ލިސްޓު"ން ވަކިން ފެންނަން ހުންނާނެއެވެ. އަދި އާންމުކޮށް ބޭނުންކުރާ ރަސްމީ ބަހުގެ އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކުގެ ބަހުރުވަ ރަދީފުތަކާއި ބޯދާބަސްތައް ވެސް މި އިސްދާރުން ވަކިން ބަލައިލެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން، ކުރިން ވެސް ފެންނަން ހުންނަ "ދުވަހު ލަފުޒު"ގެ ލިސްޓު އެއްތަނަކުން ފެންނާނެހެން، ކުރީގެ ކޮންމެ ދުވަހެއްގެ ލަފުޒެއް ވިޔަސް "ދުވަހުގެ ލަފުޒު" ބައިން ވަކިން ބަލައިލެވޭނެއެވެ.
އުނގެނުމާއި ދިރާސާކުރާ ފަރާތްތަކަށް މަސައްކަތް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ނަމާއި، ކަމާއި، ނަންއިތުރު ފަދަ ޤަވާއިދުގެ ބައިތައް ވަކިން ބަލައިލެވޭނެ ގޮތް ވަނީ ހަދައިފައެވެ. އަދި އަދަބީ ގިންތީގެ ބަސްތަކާއި، މިސާލުބަހާއި ހަރުބަސް ފަދަ ބައިތައް ވެސް ވަނީ ވަކި ގިންތިތަކަކަށް ބަހައިލެވިފައެވެ. މީގެ އިތުރަށް ދޫންޏާއި، ގަސްގަހާގެއްސާއި، ބަލިބަލީގެ ނަންތައް ފަދަ ތަފާތު ގުރޫޕުތަކުގެ ލިސްޓުތައް ވެސް މިހާރު ރަދީފުން ފެންނަން ހުންނާނެއެވެ.
މި އައު އިސްދާރުގައި މިހާރުގެ ތަފާސްހިސާބުތަކާއި ބަހުގެ ބައެއް ހަރަކާތްތައް ހިމަނާފައިވާއިރު، ބަހަށް ލޯބިކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ބަހުގެ ބައެއް ކުޅިވަރުތައް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މިއީ ބޭނުންކުރާ ފަރާތްތަކުގެ ޚިޔާލާއި، އައު ލަފުޒުތަކާއި މާނަ ހުށަހެޅޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއްކަމަށާއި، މި އެޕްލިކޭޝަން އިތުރަށް ތަރައްޤީކުރަމުންދާނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވިއެވެ. އެހެންކަމުން އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން އިޞްލާޙާއި ޚިޔާލުތައް ހިއްސާކުރައްވަމުން ގެންދެވުމަށް އެކެޑަމީން ވަނީ އެދިވަޑައިގެންފައެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ ދޫންޏާއި ގަސްގަހާގެހި ފަދަ ތަފާތު ގުރޫޕުތަކުގެ ބައިތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ތަރައްޤީކުރައްވާނެ ކަމަށެވެ. ދިވެހިބަހުގެ ރަދީފަށް ގެނައި މި ބޮޑު ބަދަލާއި އައު ފަސޭހަތަކާއެކު މިއަދު ފެންނަން އޮތް ފެންވަރަށް އެޕްލިކޭޝަން ތަރައްޤީކުރެއްވީ ބަސް ކޮމިޓީގެ ލަފާގެ މަތިން، ޑިވެލޮޕަރ އަޙްމަދު ނަދީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!