ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދަށާއި، ވަލީއަޙްދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި ސަޢޫދީއަކީ އަބަދުވެސް ދިވެހިރާއްޖެއިން ނުހަނު އިތުބާރުކުރާ، ޤަދަރުވެރި ބައިވެރިއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

Ad
rt

ދެ ޙަރަމްފުޅުގެ ޚާދިމް ރަސްގެފާނަށާއި ވަލީއަޙްދު އަދި ބޮޑުވަޒީރަށް ރައީސް މުޢިއްޒު ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމަކީ އިސްލާމީ އުޞޫލުތަކާއި، މުޅި އިސްލާމީ އުންމަތުގެ ލާބައާއި އެއްބައިވަންތަކަމަށް ދެ ޤައުމުންވެސް ދޭ އަހައްމިއްޔަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ބަޔާންކުރެއްވިއެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވަމުން ދަނީ ދެ ޤައުމުގެ މެދުގައި އޮތް ފުރިހަމަ އިޙްތިރާމާއި، އެއްބާރުލުމާއި، ގާތް ގުޅުމުގެ ޒަރީއާއިން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އެގުޅުމުގެ ޒަރީއާއިން ދެމެހެއްޓެނިވި މަންފާތަކެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތައް ލިބޭނެފަދަ މަޝްރޫޢުތަކަށް ވުނަކުރުމުގެ ތެރެއިން، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ބައިނަލްއަގުވާމީ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ ރައްޔިތުންނަށް ދާއިމީ މަންފާކުރާނެ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް މުޢިއްޒުގެ މެސެޖުތައް ނިންމަވާލައްވަމުން، ސަޢޫދީގެ ރަސްގެފާނަށާއި ވަލީއަޙްދު އަދި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަމާއި ކާމިޔާބީއަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ އުޚުއްވަތްތެރި ރައްޔިތުންނަށް ދާއިމީ އަމަންއަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަން މިންވަރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ސަޢޫދީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުތަކުގައިވާ މި ޝުޢޫރުތައް ތަކުރާރުކުރައްވައި، ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޚާއްޞަ ޕޯސްޓެއް ޙިއްސާކުރައްވާފައެވެ.