ށ. މާއުނގޫދޫގައި "ވިމެން އެންރިޗްމަންޓް ޕްރޮގްރާމް" ގެ ނަމުގައި ބާއްވާ، ޚާއްޞަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި ވިމެން އެންޑް ޑިމޮކްރަސީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.
އެ ރަށު އތމ ކޮމެޓީން ބުނީ، މި ޕްރޮގްރާމަކީ، ރަށުގެ ކަނބަލުންގެ އިޖްތިމާޢީ އަދި ފަންނީ ހުނަރުތައް ތަރައްޤީކޮށް، ކަނބަލުން އިޖްތިމާޢީ ގޮތުންނާއި ފިކުރީ ގޮތުން އަދި ސިޔާސީގޮތުން ބާރުވެރިކޮށް ކުރިއެރުވުމުގެ މައިގަނޑު މަޤްޞަދުގައި ބާއްވާ ޕްރޮގްރާމެއްކަމަށެވެ.
މީގެއިތުރުން އަމިއްލަ ނަފްސަށް މަގުފަހިކޮށްދީ، ކަނބަލުންގެ ފުރިހަމަ ދުޅަހެޔޮކަމާއި ކުރިއެރުމަށް އެހީތެރިވެދޭ މައުޟޫތަކަށް ހޭލުންތެރި ކުރުވުމަކީ ވެސް މި ޕްރޮގްރާމްގެ އަމާޒުކަމުގައި މާއުނގޫދޫ އތމ ކޮމެޓީން ބުނެފައިވެއެވެ.
މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ކަނބަލުން ބާރުވެރި ކުރުވުމުގެ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާއެއް ކަމަށްވާ "ވިމެން އެންޑް ޑިމޮކްރަސީ"ގެ ދެ ފެސިލިޓޭޓަރުން ކަމުގައިވާ، ޝަފާތު އަޙްމަދު ޒާހިރާއި އަސީލާއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވަނީ 2026 ސެޕްޓެމްބަރ 24 އިން 25 ގެ ނިޔަލަށެވެ.
އެހެންކަމުން މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 2026 ސެޕްޓެމްބަރ 23 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް، އތމ ކޮމެޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކު މެދުވެރިކޮށް އަދި މިކަމާ ގުޅިގެން ޢާންމުކޮށްފައިވާ އިޢުލާނުގައި ހިމެނޭ ކިއުއާރް ކޯޑު ސްކޭން ކޮށްގެން ރަޖިސްޓްރީވުމަށް އެ އތމ ކޮމެޓީން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!