އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ.) އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި އެ ޖަމުޢިއްޔާގެ ތެރޭގައި އެންމެހާ ޤައުމުތަކަށް ހަމަހަމަ ތަމްސީލުވުން ލިބިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބިފައިވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން (ސިޑްސް) އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ހަމަހަމަ ބައިވެރިންގެ ގޮތުގައި އެ ޤައުމުތަކުގެ މާނަހުރި ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، ހަމަހަމަ އަދި މޫސުމީ ވިލުންތެރިކަން ލިބިފައިވާ ބައިނަލްއަގުވާމީ އިޤްތިޞާދެއް ބިނާކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ އަޑު މާނަހުރި ގޮތެއްގައި އިއްވުމަށްޓަކައި، އދ. އާއެކު އޮތް ގާތް ގުޅުން ރާއްޖެއިން ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މޫސުމީ ވިލުންތެރިކަމަށް ވަކާލާތުކުރުމާއި، ދަރަންޏަށް ދެމެހެއްޓެނިވި ޙައްލުތައް ހޯދައި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ރާއްޖެއިން އިސްކަންދޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން އެކަށީގެންވާ އަދި ލުއި މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތައް ފަހިކުރުމަށާއި، ސިޑްސްގެ ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުން ގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކުރި 60 އަހަރަށްވުރެ ދިގު މާޒީގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތް ހިމެނޭހެން، ރާއްޖޭގެ ތަރައްޤީއަށް އެ ޖަމުޢިއްޔާއިން ވެދެއްވާފައިވާ އެހީތެރިކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރަމުންދާ އުންމީދީ ޤައުމީ މަސައްކަތުގައި ވެސް މި ބައިވެރިވުން މުހިންމު ދައުރެއް އަދާކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. ގެ ނިޒާމުގެ ތެރޭގައި ދިވެހިރާއްޖޭގެ ދައުރާއި ލީޑަރޝިޕް ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި، އދ. ގެ ޢާންމު މަޖިލީހާއި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަން މީގެ ކުރިން ރާއްޖެއިން އަދާކޮށްފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެންބަރުކަން ރާއްޖެއިން މިހާރުވެސް އަދާކުރަމުންދާއިރު، އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށާއި އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ރާއްޖެއިން ވާދަކުރަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވަމުން، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކުރިމަތިވަމުންދާ ގޮންޖެހުންބޮޑު މައްސަލަތަކަށް ޙައްލު ހޯދުމުގައި ޑިޕްލޮމެސީއާއި، މަޝްވަރާއާއި، އެންމެންގެ ބައިވެރިވުން ހިމެނޭ ގިނަ ފަރާތްތައް އެކުލެވޭ ބައިނަލްއަޤްވާމީ ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، އދ. ގެ ތެރޭގައި ދިވެހިރާއްޖޭގެ ދައުރު ބަދަލުވަމުން އައިސްފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން 1965 ގައި ރާއްޖެއިން އދ. އާ ގުޅުނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ބަލައިގަތުމާއި ބައިވެރިވުން ހޯދުމަށް ކަމަށް ވިޔަސް، މިއަދު ރާއްޖެ އޮތީ އެ ޖަމުޢިއްޔާ ބައްޓަންކުރުމުގައާއި، ތަރައްޤީގައި އެއްވެސް މީހަކު ބާކީނުވާ ފަދަ ވިލުންތެރި މުސްތަޤްބަލެއް ބިނާކުރުމަށް އެންމެ އިސް ސަފުގައި ބޮޑެތި ޒިންމާތައް އުފުލުމަށް ފުރިހަމައަށް ތައްޔާރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.