ހުޅުމާލޭގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، 2026 އޯގަސްޓް 27 ވަނަ ދުވަހުގެ ވަގުތެއްގައި ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

Ad
rt

ރޯމާދުވާލު ހިންގި އަމަލެއް

މި ހާދިސާއާ ގުޅިގެން އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިކަން ހިނގާފައިވަނީ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގެ ބެލްކަނީގައެވެ. އެގޮތުން، އެ ސަރަހައްދުގައި ތިބި އެތައް ބަޔަކަށް ފެންނާނެހެން ރޯމާ ދުވާލު އަންހެނަކާއި ފިރިހެނަކު ބަދުއަހުލާގީ އަމަލާއި ޖިންސީ ގުޅުން ހިންގާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން މި މައްސަލަ ބަލަން ފެށިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިޔާ ސަރަހައްދުގެ ކުށްތައް

ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ހިނގާ ބަދުއަހުލާގީ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، އެކި ބާވަތްތަކުގެ ކުށްތަކަށް މަގުފަހިވާ ގޮތަށް ހިންގާ އަމަލުތަކަކީ ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގައި ބަލަމުން އަންނަ މައްސަލަތަކެކެވެ. މީގެ އިތުރުން، ހިޔާ ޓަވަރެއްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންއަންނަ މައްސަލަތައްވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެގެންދެއެވެ.

މީގެ ކުރިން އޯގަސްޓު 2022 ގައިވެސް ހިޔާ އެޗް 7 ގެ 10 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގެ ތެރޭގައި ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ.