ކުޅުދުއްފުށި ސިޓީއަކީ ހިތްގައިމު އަދި ސާފު ސިޓީއަކަށް ހެދުމަށްޓަކައި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ މަޤްޞަދުގައި ”ސިޓީ ކުލުނު“ ނަމުގައި ޚާއްޞަ އިނިޝިއޭޓިވްއެއް މިއަދު ފަށައިފިއެވެ.

ސިޓީގެ އާންމު ޝަކުވާތަކާއި މުނިސިޕަލް މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އިނިޝިއޭޓިވްގެ ދަށުން ޚާއްޞަ ވައިބަރ ނަންބަރެއް ސިޓީ ކައުންސިލުން މިއަދު ވަނީ އިފްތިތާޙުކޮށްފައެވެ.

Ad
rt

މި ވައިބަރ ނަންބަރު މެދުވެރިކޮށް އާންމުން ހުށަހަޅާ މައްސަލަތައް ރަނގަޅަށް ނޯޓުކޮށް، ތަރުތީބުކުރުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ޚާއްޞަ ސިސްޓަމްތައް ވެސް މިހާރު ވަނީ ޤާއިމުކުރެވިފައެވެ. އެގޮތުން، ރައްޔިތުން މައްސަލަތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ”ސިޓީ ކުލުނު“ ވައިބަރ ނަންބަރަކީ 7221621 އެވެ.

ސިޓީ ކައުންސިލުން ބުނީ ކުޅުދުއްފުށި ސިޓީއަކީ ސާފު، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ފަށާފައިވާ މި މުހިންމު މަސައްކަތުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވެ، ފަރުދީ ޒިންމާ އަދާކޮށްދިނުމަކީ އެ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.