ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމަށް ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން 12 ބިދޭސީއެއްގެ މައްސަލަ ތަޙްޤީގުކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ނުވަ މީހަކު މިހާރު ޑިޓެންޝަނަށް ގެންގޮސްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރެއްވެސް މިހާރު ތަޢާރަފްކޮށްފައިވާ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ބިދޭސީން ޑިޓޭންޝަނަށް ގެންދާ ހިސާބުން އެ މީހުން ބަލާ ދިވެހިން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. ބިދޭސީއަކު ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލުމަށްފަހު އެމީހުން ކުރާ ކަންތައްތައް ނުބަލައި، ޤާނޫނު ތަންފީޒު ކުރަން ފެށުމުން އެ މީހަކު ބަލާ އައުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އިޙްސާން ވިދާޅުވިއެވެ. އަދި ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަން ތަޙްޤީގަށް ހާމަވެއްޖެނަމަ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށާއި، ދިވެއްސެއްގެ ނިވާފަތްގަނޑުގައި އެކަން ކުރި ނަމަވެސް އެ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޤާނޫނު ތަންފީޒު ކުރަން ފެށުމުން ބިދޭސީ މީހާއަށް އިހުމާލުވާކަން އެނގޭނަމަ، އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއިން ދިވެހި މީހާ ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.
އިޙްސާން ވިދާޅުވީ، ބައެއް ކަންމަތީ ފިހާރަތަކަކީވެސް ޑޮލަރު މާރުކުރާ ތަނެއްގެ ގޮތުގައި ހެދުމަށްފަހު ބިދޭސީން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އެއްވެސް ލުއިދިނުމެއް ނޯންނާނެ ކަމަށާއި ފިޔަވަޅު އަޅަމުންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މުސާރަ ލިބުމުން އެ ފައިސާ ދިވެހި ވިޔަފާރިއެއްގެ ނަމުގައި އޮންނަ އެކައުންޓްތަކަށް ޖަމާކޮށް، އެއިން ކޮންމެ ދުވަހަކު ޑޮލަރު ބަދަލުކުރަމުންދާ ކަމަށާއި، އެ ޑޮލަރުތައް އެއްކޮށްގެން ސްމަގްލްކޮށްގެން ރާއްޖެއިން ބޭރަށް ގެންދާ ކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މީގެ ކުރީގެ ސަރުކާރުތަކުން ޤާނޫނު ތަންފީޒް ނުކޮށް އޮތުމަކީ އެ ޤާނޫނޫތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބަލާށޭ. ތަކުރާރުކޮށް ފެންނަމުންދޭ، ބިދޭސީން ރާއްޖެއަށް ގެނެސް، އޭނާ އުޅެމުންދަނީ ދިން ހުއްދަތަކާ އެކު ނޫން. އެކަމުގެ ޒިންމާ އެބަޖެހޭ ގެންނަ މީހާ ޒިންމާވެސް ނަގަންޖެހޭ،" ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބިދޭސީން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ގިނަ ޖިނާޢީ ކުށްތަކަށް އަރައިގަންނަމުންދާއިރު، މިފަދަ ކަންކަމުގައި ދިވެހިން ބައިވެރިނުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވާ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ބޮޑެތި އަދަދުތަކުން ޓީޓީ ހައްދަވާ ބައެއް މީހުން އެކަން ނަހަމަ ގޮތުގައި ބޭނުންކޮށް، ޓީޓީ ހައްދަމުންދާތީ އެ މައްސަލަވެސް ތަޙްޤީގުކުރަމުންދާ ކަމަށާއި އެކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ. އަދި ޖޮބް ވިޔަފާރި ކުރުމުގައާއި ބިދޭސީންގެ މުސާރައިގެ ކަންކަމުގައިވެސް އެ ރޫޓް ބޭނުންކުރާކަން ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!