އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު ބައިވެރިކޮށްގެން ހިންގި އިޝްތިހާރު ކެމްޕޭނަކާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވެ، އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަން ފެށުމުން ޖަރުމަނުގެ މަޝްހޫރު ސްޕޯޓްސްވެއާ ކުންފުނި އެޑިޑާސްއިން ހޯމަ ދުވަހު މާފަށް އެދިއްޖެއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑިޑާސްއިން "ސިންގަލް ޝޫ" ހިދުމަތް އިޝްތިހާރުކުރުމަށް ބޭނުންކޮށްފައިވަނީ އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޝަލޭވް ބިޓޮން އެވެ.
މިކަމާ ގުޅިގެން އެޑިޑާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ލޯކަލް ޓީމަކުން ކުރިއަށްގެންދިޔަ ހަރަކާތެއްގައި ބޭނުންކުރި ފޮޓޯއަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކާއި ހިތްހަމަނުޖެހުންތައް އުފެދިފައިވާކަން ގަބޫލުކުރާ ކަމަށެވެ. އަދި އެއްވެސް ބަޔަކަށް ދެރައެއް ނުވަތަ ނުބައި މާނައެއް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މަގުސަދެއް ނޫން ކަމަށާއި، މިކަމުގެ އަސަރުކުރި އެންމެހައި ފަރާތްތަކުގެ ކިބައިން މާފަށް އެދޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެޑިޑާސްއިން ސިފަކުރި ގޮތުގައި މިއީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ހިންގި ކެމްޕޭނެއް ނޫން ކަމަށާއި، އެއީ ވަކި ސަރަހައްދެއްގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ޝަލޭވް ބިޓޮން އަކީ 2021 ވަނަ އަހަރު އިސްރާއީލު ސިފައިންގެ ތެރޭގައި ހިދުމަތް ކުރަމުންދަނިކޮށް ލިބުނު އަނިޔާތަކަކާ ގުޅިގެން ވާތް ބުރިކޮށްލަން ޖެހުނު މީހެކެވެ. އޭނާއަކީ އިސްރާއީލުގައި ހުންނަ އެޑިޑާސްގެ ފިހާރަތަކުގައި ބަހައްޓާފައިވާ ޕޯސްޓަރުތަކުގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ 11 އެތުލީޓުންގެ ތެރެއިން އެކަކެވެ.
ގާޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ފަލަސްތީނުންގެ އަތްފައި ބުރިވެފައިވާ ދަނޑިވަޅެއްގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އިޝްތިހާރެއްގައި އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު ބޭނުންކުރުމުން ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި އިޝްތިހާރާ ގުޅިގެން އެޑިޑާސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލި މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ސްޕެއިންގެ އެކްޓަރު ޖަވިއޭ ބާޑެމްވެސް ހިމެނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މި އަހަރުގެ މޭ މަހު އާންމުކުރި އަންދާސީ ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާގައި 5،000 އަށްވުރެ ގިނަ މީހުންގެ އަތްފައި ވަނީ ބުރިކޮށްލަން ޖެހިފައެވެ. އަދި ހަށިގަނޑުގެ ގުނަވަންތަކަށް ބޮޑެތި އަނިޔާތައް ލިބުނު މީހުންގެ އަދަދު 22،000 އަށްވުރެ މަތިވެފައިވާއިރު، އޭގެ ތެރެއިން ހަތަރުބައިކުޅައެކު މީހުންނަކީ ކުޑަކުދިން ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.
އެޑިޑާސްއިން ބުނި ގޮތުގައި "ސިންގަލް ޝޫ" ހިދުމަތަކީ އަތްފައި މަދު މީހުންނަށް ބޭނުންވަނީ އެންމެ ބޫޓެއް ކަމަށްވާނަމަ، ހަމައެކަނި އެ އެއްޗެއް ގަންނަން ލިބޭނެ ގޮތް ހަދައިދީ، އެފަދަ މީހުން މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމަށް ފެށި ހިދުމަތެކެވެ. މި ހިދުމަތުގެ ދަށުން އެއް ބޫޓު ލިބެނީ ޖޯޑެއްގެ އަގުގެ 50 އިންސައްތައަށެވެ. މި ޕްރޯގްރާމް ޖެނުއަރީ މަހު ޔޫރަޕްގެ 23 ގައުމެއްގައި ފަށާފައިވަނީ ޕެރަލިމްޕިކްސްޖީބީ ފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމްއިއްޔާތަކާ މަޝްވަރާކުރުމަށްފަހުއެވެ.
މި ހިދުމަތް މިހާރު ޔޫރަޕާއި އޭޝިއާ އަދި މެދުއިރުމަތީގެ ގައުމުތަކަށް ފުޅާކުރަމުންދާ ކަމަށް އެޑިޑާސްއިން ބުންޏެވެ. އޭގެ ތެރޭގައި ފަލަސްތީނު، އަރަބި އިމާރާތް، ލެބަނަން، ސައޫދީ އަރަބިއްޔާ، ކުވެއިތު، ގަތަރު އަދި މިސްރު ހިމެނެއެވެ. އެ ކުންފުނިން ބުނީ އާންމުންގެ އަޑުއަހައި، ކަންކަން އުނގެނި، އެ ކުންފުނިން ގަބޫލުކުރާ ހަމަހަމަކަމުގެ އުސޫލުތައް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!