ހދ.މަކުނުދޫގައި އެންމެ ރަނގަޅު ގޮތުގައި ކުނިއުކާ ފަރާތްތަކަށް، އިނާމް ދިނުމުގެ ޕްރޮގްރާމެއް ތަޢާރަފް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ގޭބިސީތަކުގައި ކުނި ވަކިކުރުމަށް، ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން، އެންމެ ރަނގަޅަށް ކުނި ވަކިކޮއްފައިވާ ފަރާތްތައް ފާހަގަކޮށް، " ވެށިސާފު އެވޯޑް " ގެ ނަމުގައި އެވޯޑް ދިނުމަށް ކައުންސިލްގެ އާއްމު ބައްދަލްވުމުގައި ނިންމާފައިވާކަމަށް އެ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

Ad
rt

ކައުންސިލްގެ ކުރިއަށް އޮތް އާއްމު ބައްދަލުވުމުގައި "ވެށިސާފު" އެވޯޑު ދިނުމަށާއި މި ޕްރޮގްރާމްގެ އުޞޫލު ހުށަހަޅައި ފާސްކުރުން އޮންނާނެ ކަމުގައި އެ ކައުންސިލުން ބުނެފައިވެއެވެ.

މަކުނުދޫ "ވެށިސާފު"ގެ މަސައްކަތް ހަރުދަނާކޮށް، ރައްކާތެރި ގޮތުގައި ކުނިނައްތާލައި، ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ކައުންސިލުން ހިންގާ މި ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ކަނޑައެޅޭ ވަކި މުއްދަތެއްގައި ހިންގާ ޕްރޮގްރާމެކެވެ.

މަކުނުދޫގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީ( ވެށިސާފު) ގެ ސުޕަވައިޒަރު އިބްރާހިމް ޝަރީފް "ތިލަދުން"އަށް ވިދާޅުވީ، ވެށިސާފުން ބަންދުކުރާ، އެލްމިނިއަމް، ދަގަނޑު ދަޅު އަދި ޕްލާސްޓިކް ފުޅި އާއި ބިއްލޫރި ވެލި ފަދަ ތަކެތި ގަންނަން ބޭނުން ވެގެން، ވިޔަފާރިވެރިން އެދެމުން ދާ އިރު، މިހާރު ވެށިސާފުން ، ތައްޔާރުވަމުންދަނީ ރަށުގައި އުފެދޭ ކުނިވާޒާތުގެ ކުނި (ބަދިގޭ ޑަސްބިން) އަދި ފަތްކުނި ބޭނުންކޮށްގެން ކާދު ހެދުމަށެވެ.

މިގޮތުން ތައްޔާރުކުރެވިފައިވާ ކާދު ތަޖުރިބާކުރުމުގެ ގޮތުން މިހާރު ބޭނުންކުރެވެމުންދާކަމުގައިވެސް ހާމަކުރެއްވިއެވެ.

އިބްރާހީމް ޝަރީފް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން، މި ފެސިލިޓީއަށް ޒިޔާރަތްކޮށް، ތަނުގެ މަސައްކަތްތައް ބަލައި، މަޢުލޫމާތު ސާފުކުރެއެވެ.

މަކުނުދޫ ވެށިސާފަކީ ރާއްޖޭގައި ރީޖަނަލް ފެންވަރުގައި ކުނި މެނޭޖްކުރުމަށް، ޔޫޓިލިޓީ ރެގިޔުލޭޓްރީ އޮތޯރިޓީ (ޔޫ.އާރް.އޭ)އިން ހުއްދަ ދީފައިވާ ހަމައެކަނި ވޭސްޓްމެނޭޖްމަންޓް ސެންޓަރެވެ.

23 ފެބްރުވަރީ 2025 ގައި މަސައްކަތް ފެށުނު މި ފެސިޓީ އިން މިހާތަނަށް ބަންދުކުރެވިފައިވާ 26 ޓަނުގެ ކުނި ( މެޓީރިއަލް) މަކުނުދޫ ވެށިސާފުން ވަނީ ބޭރުކޮށްފަވެއެވެ.