އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ 1،014 އެތުލީޓުންގެ ހަނދާނުގައި "1000 ޝަހީދުންގެ ކަޕް" ނަމުގައި މުބާރާތެއް ބޭއްވުމަށް ފަލަސްތީނުން ނިންމައިފިއެވެ.

މި މުބާރާތް ލޯންޗުކުރިކަން އިއުލާން ކުރެއްވީ ފަލަސްތީނުގެ ސުޕްރީމް ކައުންސިލް ފޯ ޔޫތު އެންޑް ސްޕޯޓްސްގެ ރައީސް ޖިބްރީލް ރާޖޫބް އެވެ.

Ad
rt

ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލް ބީރޭގައި ހުންނަ ޖޯސެފް ބްލެޓާ ފުޓްބޯޅަ އެކަޑަމީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާޖޫބް ވިދާޅުވީ، މި މުބާރާތުގެ ތަށިތައް ނިސްބަތްކުރެވޭނީ އިސްރާއީލުގެ ހަމަލާތަކުގައި ފުރާނަ ގެއްލުނު ފަލަސްތީނުގެ ކުޅިވަރުގެ ޝަޚްސިއްޔަތުތަކަށް ކަމަށެވެ. މީގެ ތެރޭގައި އޮލިމްޕިކް އެތުލީޓުންނާއި، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، ކްލަބްތަކާއި ފެޑެރޭޝަންތަކުގެ ރައީސުންނާއި، ރެފްރީންގެ އިތުރުން ކޯޗުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާޖޫބް ވިދާޅުވި ގޮތުގައި މި މުބާރާތް ކުރިއަށްދާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ގުދުސްގައި ބާއްވާ "ސެންޓްރަލް ކަޕް" ގެ އިތުރުން، ޣައްޒާ އަދި ލުބުނާނުގައި ތިބި ފަލަސްތީނުގެ އެތުލީޓުންގެ މެދުގައި ބޭއްވޭ ދެ މުބާރާތެކެވެ.

މި ހަރަކާތުގެ ބޭނުމަކީ ޝަހީދުވި އެތުލީޓުންގެ ހަނދާންތައް ދާއިމަށް އާލާކުރުމާއި، ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ދަތި ހާލަތްތަކާއެކުވެސް ފަލަސްތީނުގެ ކުޅިވަރު ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަން ދެއްކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މީގެ ކުރިން ޖުލައި މަހުގެ ކުރީކޮޅު ވަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފެށުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. މީގެ ތެރޭގައި ޣައްޒާ، ހުޅަނގު އައްސޭރި، ގުދުސް އަދި ގައުމުން ބޭރުގައި ދިރިއުޅޭ ފަލަސްތީނުގެ ކުޅުންތެރިންގެ ތަމްރީނުތަކާއި މެޗުތައް ހިމެނެއެވެ.