ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ޚާއްޞަކޮށް ގެނެސްދިން މި އެޕިސޯޑުގައި ރައީސް ވިދާޅުވީ ޒުވާނުންނަކީ ޤައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު ހިއްސާ ކަމަށެވެ. އަދި އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގެ އެތައް ހާލަތަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، ޒުވާނުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމަށް ވަށާޖެހޭ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.
ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދެއްވުމަށްޓަކައި ޕްރައިވެޓް ސެކްޓަރގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުގެ ތަފްސީލު ރައީސް ހިއްސާކުރެއްވިއެވެ. ޚާއްޞަކޮށް ވިޔަފާރީގެ ތެރޭގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ތައާރަފުކުރާ ލޯން ސްކީމްތަކާއި، ޒުވާނުން ކުރިއަރާ ދިއުމަށް ހުރި ހުރަސްތައް ނައްތާލުމަށް ކުރާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
''ޒުވާނުން ބާރުވެރިކުރުވުމަކީ އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާ، ނަތީޖާ ފެންނާނެ''
ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭއިރު، މިކަން ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމެމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ މަދުވެގެން 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ހިއްސާކުރާ މިންވަރަށް ހެދުންކަން ފާހަގަކުރަށްވައި، މި އަމާޒަށް ވާސިލުވުމަށްޓަކައި ތަފާތު ދާއިރާތަކުން ފަންނުވެރިން އުފައްދައި، ކިޔަވައިގެން ނުކުންނަ ކުދިންނަކީ ހުނަރުވެރި ބަޔަކަށް ހަދައިދީ، މަސައްކަތުގެ މާހައުލުގައި ދިވެހިންނަށް އިސްކަންދިނުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ރަނގަޅު ގޮތް އަންގައިދީ އެކަމަށް މަގުފަހިކޮށްދިނުން ކަމަށާއި، މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިމަގުގައި ރަނގަޅު ނަތީޖާއެއް ހާސިލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!