ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި ހޮނިހިރު ދުވަހު އިންގްލެންޑާއި ނޯވޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު، ދަނޑުމަތީގައި ދަމާފައިވާ ކެމެރާ ކޭބަލެއްގައި ބޯޅަ ޖެހުނު ކަމަށް ބަހުސެއް ފެށިފައިވާއިރު، އިންގްލެންޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ޖެހީ މި ހާދިސާއަށްފަހުކަމަށް މި ބަހުސްގައި އެއްބަޔަކު އަންނަނީ ބުނަމުންނެވެ.
މިގޮތުން އިންގްލެންޑުގެ ޖޫޑް ބެލިންހަމް މި ލަނޑު ކާމިޔާބުކުރީ ނޯވޭގެ ކީޕަރު އޮރްޔަން ނީލަންޑް ޖެހި ގޯލް ކިކެއް ކޭބަލުގައި ޖެހި ބޯޅައިގެ މިސްރާބު ބަދަލުވި ކަމަށް ބެލެވުނު ވަގުތެއްގައިކަމަށް މި ބަހުސްގައި އެއްބަޔަކު އަންނަނީ ބުނަމުންނެވެ.
ޤަވާއިދު ބުނާގޮތުން ބޯޅަ ކޭބަލުގައި ޖެހުނުކަން ފާހަގަވިނަމަ، ކުޅުން ހުއްޓުވައި ޑްރޮޕް ބޯލްއަކުން ކުޅުން އަލުން ފަށަން ޖެހޭނެއެވެ. ނަމަވެސް މެޗު ނިމުނުތާ ގަޑިއިރެއްހާއިރު ފަހުން ފީފާއިން ބުނީ ބޯޅައިގައި ހުރި ޓެކްނޮލޮޖީއަށް ބަލާއިރު ބޯޅަ ކޭބަލުގައި ޖެހުނުކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.
ލަނޑަށްފަހު ނޯވޭ ކުޅުންތެރިން ނުރުހުން ފާޅުކުރަނީ، ފޮޓޯ: ގެޓީ
"އިންގްލެންޑުގެ ލަނޑުގެ ކުރިން... ބޯޅައިގައި ހަރުކޮށްފައިވާ ސެންސަރުގެ 'ހާޓްބީޓް' އިން އެއްވެސް އާދަޔާ ހިލާފު ބަދަލެއް ފެންނާކަށް ނެތް. އެހެންކަމުން ބޯޅަ ކޭބަލުގައި ޖެހި އޭގެ މިސްރާބަށް ބަދަލު އައިކަމުގެ އެއްވެސް ހެއްކެއް ނެތް،" ފީފާއިން ނެރުނު ބަޔާނުގައިވެއެވެ. ނަމަވެސް ފީފާއިން މި ޑޭޓާ ރިވިއުކުރީ ކޮން ވަގުތަކު ކަމެއް ސާފެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން މެޗު މެދުކަނޑާލާފައެއް ނުވެއެވެ. އަދި ވީއޭއާރު ރެފްރީ ޖެރޯމް ބްރިސާޑް މި މަންޒަރު ބެލިކަމެއްވެސް ޔަގީނެއް ނޫނެވެ. ބްރިސާޑަކީ އާޖެންޓީނާ އާއި އީޖިޕްޓް ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުގައިވެސް ވީއޭއާރު ރެފްރީއެވެ. އެ މެޗުގައި އީޖިޕްޓުން ވަނީ ރެފްރީންގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ.
މި ހާދިސާ ހިނގީ ނޯވޭގެ ކީޕަރު ނީލަންޑް ޖެހި ބޯޅައެއް ވައިގެ ތެރޭގައި ވަނިކޮށް އޭގެ މިސްރާބަށް ބަދަލު އައިސް، އިންގްލެންޑުގެ ކުޅުންތެރިންގެ ފަޔަށް ބޯޅަ ލިބުނު ހިސާބުންނެވެ. އެ ބޯޅަ ބެލިންހަމްއަށް ލިބުމުން އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑަށްފަހު ނޯވޭގެ ކީޕަރާއި، ތަރި އާލިން ހާލަންޑް އަދި ކޯޗު ސްޓޭލް ސޮލްބަކަން ވަނީ ރެފްރީއާ ދިމާލަށް ނުރުހުން ފާޅުކޮށްފައެވެ.
އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން އިންގްލެންޑުން މި މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އިންގްލެންޑް ސެމީ ފައިނަލަށް ދަތުރުކުރިއިރު، ނޯވޭއިން ވަނީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!