އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން ކުރި ސަސްޕެންޝަނާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާ އަށް ގުޅުއްވިކަމަށާއި، އެ މައްސަލައިގައި ގޮތް ނިންމާނީ ފީފާގެ މިނިވަން ޖުޑީޝަލް ބޮޑީތަކުން ކަމަށް ޓްރަމްޕަށް ދެންނެވި ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
ބަލޯގަންގެ ސަސްޕެންޝަނަށް ލުއިދިން މައްސަލަ ހޫނުވެފައި ވަނިކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި އިންފަންޓީނޯ ވިދާޅުވީ، ޓްރަމްޕާއެކު ދެކެވުނު ވާހަކައިގައި، ފީފާގެ މިނިވަން ޖުޑީޝަލް އިދާރާތަކުން ބަލަމުންދާ ގާނޫނީ މަރުހަލާއެއް ކުރިއަށްދާކަން ސާފުކޮށްދެއްވި ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން އެ މައްސަލައިގައި ގޮތް ނިންމާނެ ކަމަށް ވިދާޅުވި ކަމަށްވެސް އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.
"އެއީ ފީފާގެ ނިޒާމު މަސައްކަތްކުރާ ގޮތް، އަދި އެއީ އަޅުގަނޑު އަބަދުވެސް ދަމަހައްޓާނެ އުސޫލެއް،" އިންފަންޓީނޯ ވިދާޅުވިއެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ގައި ހޯމަ ދުވަހު ބެލްޖިއަމާ ދެކޮޅަށް އެމެރިކާ ކުޅޭ މެޗުގައި ކުޅުމުގެ ފުރުސަތު ބަލޯގަން އަށް މިހާރު ވަނީ ލިބިފައެވެ. އެއީ ފީފާއިން އޭނާގެ އެއް މެޗުގެ ސަސްޕެންޝަން އުވާލުމާ ގުޅިގެންނެވެ. ނަމަވެސް، ބެލްޖިއަމުން ވަނީ ފީފާގެ މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!