މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް 25,000 ރުފިޔާގެ ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، މި އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި މި ފައިސާގެ އިނާމު ލިބޭއިރު، އިތުރު ގިނަ ހަދިޔާތަކެއް ވެސް ވަނީ ހަމަޖެހިފައެވެ.

Ad
rt

މި އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކު ފަސް އައިޕެޑާއި، 5,000 ރުފިޔާގެ ހަނދާނީ ނޫޓުގެ ހަތް ނޫޓު ނަސީބުވެރިންނަށް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ދެ މެކްބުކާއި، ދެ އެޕަލް އެއާޕޮޑްގެ އިތުރުން، ގެސްޓްހައުސްއެއްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އަދި ތަފާތު އަގުތަކުގެ ގިފްޓް ކާޑުތަކެއް ވެސް މި ހަރަކާތުގެ ތެރެއިން ބަހާނެއެވެ. އޭގެ ތެރޭގައި 5,000 ރުފިޔާގެ ތިން ކާޑާއި، 1,000 ރުފިޔާގެ 12 ކާޑުގެ އިތުރުން 500 ރުފިޔާގެ 36 ކާޑު ހިމެނެއެވެ.

ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ. މި ހަރަކާތް އޮންނާނީ އަންނަ މަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ މާލީ ދާއިރާގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ބޮޑު ހަރަކާތެކެވެ.

މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ މާލީ ކަންކަމަށް ރައްޔިތުން އަހުލުވެރިކުރުވުމާއި، މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ތައާރަފުކުރުމެވެ. އަދި ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އާ އީޖާދުތައް އާންމުންނަށް ދައްކާލުމަކީ ވެސް މި އެކްސްޕޯގެ މުހިންމު މަގްސަދެކެވެ.