ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް-ސައިޒް ކުރުމަށް ނުވަތަ އެ ކުންފުންޏަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރާ މަސައްކަތަކީ ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފާއިން ވަކިކުރުން ކަމަށް ބުނާނެ ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުންފުނިތައް ހަރުދަނާކުރުމަށް ކުރެވޭ މި މަސައްކަތަކީ އަޚުލާޤީ ގޮތުން ވަކި ހަމަތަކަކާއި ފެންވަރެއް ހިފެހެއްޓުމަށް ކުރެވޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުސާރަތައް އެއްހަމަކުރުން ނުވަތަ ޕޭ ހާމަނައިޒްކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިކަމުގެ އެންމެ މުހިންމު މަޤްޞަދަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ އާމްދަނީ އިތުރުކުރުމާއި، މަސައްކަތުގެ އަޚްލާޤު ހަރުދަނާކުރުން ކަމަށެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ކުރިއަށްދާއިރު، ވަކިވަކިން ރިޢާޔަތްކުރަންޖެހޭ ޚާއްޞަ ހާލަތްތައް ހުރިކަން ފާހަގަކުރައްވައި، އެފަދަ ކަންކަން ވަކިވަކިން ބައްލަވައިގެން ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަޅުއްވަމުން ގެންދަވާ މިފަދަ ފިޔަވަޅުތަކަކީ ދާއިރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބޭރުގެ ޤައުމުތަކަށް ދިވެހިރާއްޖެއިން ދައްކަންޖެހޭ ދަރަނި ދައްކާ ޚަލާސްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ފަރުދީ ފެންވަރުގައިވެސް ރައްޔިތުންނާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!