ވެނެޒުއެލާއަށް މިދިޔަ ހަފްތާގައި އައި ބާރުގަދަ ބިންހެލުންތަކުގައި، އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ސްޕޯޓް މަރިޓިމޯ ލަ ގުއައިރާއަށް ކުޅެމުންދާ އާޖެންޓީނާގެ ޑިފެންޑަރު ލޫކަސް ޓްރޭޖޯގެ އަންހެނުންނާއި ދެ ދަރިން މަރުވެއްޖެއެވެ.

މި ހިތާމަވެރި ޚަބަރު އެ ކްލަބުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.

Ad
rt

އުމުރުން 38 އަހަރުގެ ޓްރޭޖޯގެ އަންހެނުން ޔާނީނާ އާއި ދެ ދަރިން ކަމަށްވާ އާރޮން އަދި އައިނޯއާގެ ހަށިގަނޑު ފެނިފައިވަނީ، ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން އެމީހުން ހޯދުމަށް ކުރި ތިން ދުވަހުގެ މަސައްކަތަށް ފަހުގައެވެ. ބިންހެލުން އައި ވަގުތު ޓްރޭޖޯ ހުރީ ކަރަކަަސްގައި އޮތް ޓީމުގެ ޓްރެއިނިން ކޭމްޕެއްގައެވެ. ނަމަވެސް ބިންހެލުމުގެ ޚަބަރު ލިބުމާއެކު އޭނާ ވަނީ އެންމެ ބޮޑަށް އަސަރުކުރި ލަ ގުއައިރާގައި ހުންނަ އޭނާގެ ގެއަށް ގޮސްފައެވެ.

ޓްރޭޖޯގެ ޅިޔަނު ރިކާޑޯ އާޑިލްސް ''ސީއެންއެން''އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ޓްރޭޖޯއަށް އޭނާގެ ގެ ހުރި ސަރަހައްދަށް ދެވުނުއިރު ފެންނަން އޮތީ ބިރުވެރި މަންޒަރެކެވެ.

"އިމާރާތް ހުރި ތަނެއްވެސް ނޭނގޭ ވަރަށް ވަނީ ސުންނާފަތިވެފައި،" އޭނާ ބުންޏެވެ.

ސްޕޯޓް މަރިޓިމޯ ލަ ގުއައިރާއިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކްލަބުގެ ކުޅުންތެރިޔާގެ އާއިލާއަށް ކުރިމަތިވި މި ބޮޑު ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

"އަހަރެމެންގެ ކުޅުންތެރިޔާގެ އަންބަކާއި ދަރިން ވަކިވެދިއުމަކީ އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެއް. ލޫކަސް އަދި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި،" ކްލަބުން އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.

ވެނެޒުއެލާގެ ކަމާބެހޭ ފަރާތްތަކުން އާދީއްތަ ދުވަހު ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1,450 އަށް އަރާފައެވެ. އަދި ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު 50,000 އަށް އަރާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ.

ބުދަ ދުވަހުގެ ރޭ ވެނެޒުއެލާއަށް އައިސްފައިވަނީ 7.2 އަދި 7.5 މެގްނިޓިއުޑްގެ ބާރުގަދަ ދެ ބިންހެލުމެވެ.