މި ފެށުނު އާ ހިޖުރީ އަހަރަކީ ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުޞަތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައި، މި ދަނޑިވަޅަކީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެއްބައިވަންތަކަން އާލާކުރަންވީ ވަގުތުކަން ފާހަގަކުރެއްވިއެވެ.
ރައީސްގެ ޚިޠާބުގައި، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަޞްޙާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން ޢިބުރަތް ހާސިލުކުރުމަށް ގޮވާލެއްވިއެވެ. އެކަލޭގެފާނު ވިދާޅުވީ "އެއީ، އަނދިރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަލިކަމާއި ޢަދުލުވެރިކަން ހޯދި ނަޞްރެއް" ކަމަށާއި، އެ ހާދިސާއިން ދަސްކޮށްދެނީ ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު ސާބިތުވެ ތިބުމުން ނުކުންނާނެ ފޮނި ނަތީޖާ ކަމަށެވެ.
ދިވެހި މުޖުތަމަޢުގައި އޮންނަންޖެހޭ އެކުވެރިކަމާއި އޯގާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ އަދި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ މިއަދު ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމަށެވެ. އަދި ޤައުމެއް ބިނާކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ވާސިލުވުމަށް އަތުގުޅާލައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެންމެ މުހިންމު އަމާޒަކީ އިސްލާމީ ޞައްޙަ ޢަޤީދާގެ ބިންގަލުގެ މަތީގައި ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަޙްދަތަކީ ޤައުމުގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ އުސޫލުތައް ހިމާޔަތްކޮށް، ރައްޔިތުންނަށް ޢަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސް ވަނީ، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު އާ އުސްމިންތަކަކަށް ގެންދިޔުމަށް ހުރިހާ ރައްޔިތުން އެކުއެކީގައި އާ ޢަޒުމެއްގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚުތުންނަށް ހެޔޮދުޢާ ކުރުމުގައި ދެމިތިބުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!