ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވަގުތުން ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި، އެއްވެސް އުޖޫރައަކާ ނުލައި ލޭ ހަދިޔާކުރާ ފަރާތްތަކުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރާ އަގުނުކުރެވޭފަދަ މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ މި އިޚްލާޞްތެރި އަމަލަކީ ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ކުއްލި ފަރުވާއަށް ބޭނުންވާ ބަލިމީހުންނަށް، އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ކިތަންމެ ބޮޑު ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ލެޔަކީ އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވޭނެ ވަސީލަތެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސިއްހީ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށާއި، ގައުމީ ފެންވަރުގައި ކުރިމަތިވާ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށްޓަކައި، އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ދެމިއޮންނާނީ ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކޮށް، އެންމެންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި އެންމެންގެ ޒިންމާ އުފުލުމުގެ ސަގާފަތެއް ބިނާކުރުމުގެ މަސައްކަތުގައި ކަމަށެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަނީ މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އުންމީދު ގެނެސްދޭ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތިކަމުގެ އަގު ވަޒަންކުރެއްވިއެވެ.

މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ލޭ ހަދިޔާކުރާ ކޮންމެ ފަހަރެއްގެ ފަހަތުގައި އޯގާތެރިކަމުގެ ފުން އިޙްސާސްތަކެއް އެކުލެވިގެންވެއެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް އަބަދުވެސް ބޮޑެތި ކަންތައްތަކެއް ކުރުން ލާޒިމު ނޫންކަމާއި، އޯގާތެރިކަމުގެ ކުޑަކުޑަ އަމަލަކުންވެސް މީހެއްގެ ދިރިއުޅުމަށް ނުހަނު ބޮޑު ބަދަލެއް ގެނެސްދެވިދާނެކަން އެކަމަނާގެ މެސެޖުގައި ބަޔާންކުރެއްވިއެވެ.