މަޝްހޫރު ކްލޯޑް އޭއައި ޗެޓްބޮޓް އުފައްދާ އެންތްރޮޕިކް ކުންފުނިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމުތަކުގެ ކޮންޓްރޯލް އިންސާނުންގެ އަތުން ބޭރުވެދާނެ ކަމުގެ އިންޒާރުދީ، އޭއައި ތަރައްގީކުރުން މަޑުޖައްސާލުމަށް ނުވަތަ ވަގުތީ ގޮތުން ހުއްޓާލުމަށް ކޯޑިނޭޓް ކުރެވިފައިވާ ޕްލޭނަކަށް ގޮވާލައިފިއެވެ.
އެންތްރޮޕިކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް އަހަރުތަކުގައި އޭއައި ނިޒާމުތަކުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ފަންނީ ދިރާސާތަކުން ދައްކާ ކަމަށެވެ. "އަމިއްލައަށް އުފެދުމުގެ ގާބިލްކަން ލިބިފައިވާ އޭއައިއަކީ ޓެކްނޮލޮޖީގެ ތާރީޚުގައި އަންނާނެ ބޮޑު ބަދަލެއް. މީގެ ސަބަބުން ސައިންސާއި ސިއްހީ ދާއިރާއިން ދުނިޔެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ،" އެ ކުންފުނިން ބުނެފައިވެއެވެ.
ނަމަވެސް، އޭއައި ނިޒާމުތަކުން އަމިއްލައަށް އެ ނިޒާމުތަކުގެ ފެންވަރު މަތިކޮށް، އާ ޖީލުތަކުގެ އޭއައި އުފައްދަން ފަށައިފިނަމަ، އިންސާނުންގެ ކޮންޓްރޯލް ގެއްލުމުގެ ނުރައްކާ އޮތް ކަމަށް އެންތްރޮޕިކުން ފާހަގަކުރެއެވެ. މިފަދަ ހާލަތެއްގައި އެ ނިޒާމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މޮނިޓަރ ކުރުމަކީ މާ މުހިންމު ކަމަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެންތްރޮޕިކުން ބުނެފައިވަނީ، މުޖުތަމައަށް ނުރައްކާތައް މެނޭޖްކުރެވޭ ވަރަށްވުރެ ބާރަށް އޭއައި ނިޒާމުތައް އަމިއްލައަށް ކުރިއަރަން ފަށައިފިނަމަ، އެ މަސައްކަތް މަޑުޖައްސާލެވޭނެ ނިޒާމެއް އޭއައި އުފައްދާ ކުންފުނިތަކުން ގާއިމުކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، އެއްބަސްވުމެއް ނެތި ވަކި ކުންފުންޏަކުން މި މަސައްކަތް ހުއްޓާލުމަކީ އޭގެ ސަބަބުން އެހެން ކުންފުނިތަކަށް ކުރިއަށް ދިއުމުގެ ފުރުސަތު ލިބި، ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށްވެސް އިންޒާރު ދީފައިވެއެވެ.
އެންތްރޮޕިކުން ހާމަކުރި ގޮތުގައި، މިއަހަރުގެ މޭ މަހުގެ ނިޔަލަށް އެ ކުންފުނީގެ ކޯޑްބޭސްއަށް އިތުރުކުރެވުނު ކޯޑުގެ 80 އިންސައްތައަށްވުރެ ގިނަ ކޯޑަކީ ކްލޯޑް އޭއައި ބޭނުންކޮށްގެން ލިޔެފައިވާ ކޯޑުތަކެވެ.
ކުރިއަށް އޮތް މަސްތަކުގައި މިކަމާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދިރާސާވެރިން އަދި އެހެނިހެން އޭއައި ކުންފުނިތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް އެންތްރޮޕިކުން ވަނީ ނިންމާފައެވެ. މި ބައްދަލުވުންތަކުގައި އޭއައިގެ ނުރައްކާތައް މެނޭޖްކުރާނެ ގޮތްތަކާއި، ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހިކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!