ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މިއަދު މަތިކޮށްފިއެވެ.

ފިޗުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން' ވަނީ 'ސީސީ' އިން 'ސީސީސީ-' އަށް ބަދަލުކޮށްފައެވެ.

Ad
rt

ފިޗުން ބުނި ގޮތުގައި މި ނިންމުން ނިންމި މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން ނަގާފައިވާ ސުކޫކް މިދިޔަ އޭޕްރިލް މަހު ރާއްޖެއިން ކާމިޔާބުކަމާއެކު ދައްކައި ނިންމުމެވެ. މީގެ ސަބަބުން ދަރަނި ނުދެއްކިދާނެ ކަމަށް އޮތް ބިރު ކުޑަވެ، އިގްތިސާދީ ގޮތުން ދިމާވެދާނެ ނުރައްކާތައް ކުޑަވެފައިވާ ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

މީގެ އިތުރުން ބޭރުގެ ދަރަނި ދައްކަންޖެހޭ މިންވަރު މަދުވުމާއި ބައިނަލްއަގުވާމީ އެހީތެރިކަން ލިބެމުންދިއުމަކީ ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ރޭޓިންއަށް އައި މި ބަދަލަކީ ފާއިތުވި އަހަރު ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގާނޫނު ހިމެނެއެވެ.

"މިއީ ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް" ކަމަށް މިނިސްޓްރީން ބުނެފަވެއެވެ.

އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި އާ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކާއެކު މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރާނެ ކަމަށް ފިޗުން ލަފާކުރެއެވެ. ދުނިޔޭގެ ބާޒާރުގައި ހުރި ގޮންޖެހުންތަކާއެކުވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.5 އިންސައްތައިގައި ހުންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމާއެކު އުފެއްދުންތެރި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކޮށް، އިގްތިސާދީ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. ފިނޭންސް މިނިސްޓްރީން ބުނީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، ބޭރުގެ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.