އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ސެކިއުރިޓީ ޗެކްޕޮއިންޓެއް ކައިރީގައި ހަތިޔާރު ހިފައިގެން ހުރެ އޮފިސަރުންނަށް ހަމަލާދިން މީހަކު، ސީކްރެޓް ސާވިސްގެ އޮފިސަރުން ދިން ރައްދު ހަމަލާތަކުގައި މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސި 6 ޖަހާކަންހާއިރު 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއު ގުޅޭ ސަރަހައްދުގައި ހުންނަ ޗެކްޕޮއިންޓެއްގައެވެ.

Ad
rt

ސީކްރެޓް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮތަޅަކުން ބަޑިއެއް ނެގުމަށްފަހު އޮފިސަރުންނަށް އަމާޒުކޮށް އެ މީހާ ހަމަލާދޭން ފެށުމުން، އޮފިސަރުން ދިން ރައްދު ހަމަލާގައި އޭނާ ޒަހަމްވި ކަމަށެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. މި ހާދިސާގައި މަގުމަތިން ދިޔަ އާންމު މީހެއްގެ ގަޔަށްވެސް ބަޑީގެ ވަޒަން އަރާފައިވާއިރު، އެއީ ކާކު ދިން ހަމަލާއެއްކަން އަދި ސާފެއް ނުވެއެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ އެ މީހާއަކީ ނަސީރް ބެސްޓް ކަމަށް ދެނެގަނެފައެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި އޭނާއަކީ މީގެ ކުރިންވެސް ގާނޫނީ މައްސަލަތަކެއް އޮތް އަދި ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދިޔަ މީހެކެވެ. މި ހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ހުންނެވި ނަމަވެސް، އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ވައިޓް ހައުސް ވަގުތުން ލޮކްޑައުން ކުރިއެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ސީކްރެޓް ސާވިސްގެ އޮފިސަރުން ވަނީ ރައްކާތެރިކަމަށްޓަކައި ބްރީފިން ރޫމް ތެރެއަށް ވަނުމަށް އަންގާފައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ގާތްގަނޑަކަށް 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ބަޑީގެ އަޑު އިވިފައިވެއެވެ. މި ލޮކްޑައުން އުވާލާފައިވަނީ ހަމަ އެރޭ 6:46 ހާއިރުއެވެ.

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް ވިދާޅުވީ، އެ އިދާރާއިން މިހާރު ދަނީ ސީކްރެޓް ސާވިސްއާއި މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާ ހިނގި ސަރަހައްދަކީ އާންމުންނަށް ހުޅުވާލާފައި އޮންނަ ހިސާބަކަށް ވުމުން، ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.