ވ.އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ބުރާސްފަތި ދުވަހު ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުއްވަނިކޮށް އިއްޔެ ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ރޭ ބާއްވައިފިއެވެ.
މަހުދީގެ ކަށުނަމާދު އޮތީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. އޭނާ ފަސްދާނުލާފައިވަނީ މައްޗަންގޮޅީ އާސަހަރާގައެވެ.
މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދިފާޢީ ވަޒީރު ޙަސަން ރަޝީދުގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަނާޒާގެ ތެރޭގައި ސިފައިން ވަނީ ހަތް ބަޑީގެ ސަލާމެއް އަރުވައި، ރަސްމީ ކުރުނީހެއް އަރުވާފައެވެ. އަދި ވަޅުލުމުގެ ކުރިން ސަންދޯކުގައި އޮތް ޤައުމީ ދިދަ މަހުދީގެ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ އަކީ ސިފައިންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
މަހުދީއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ޑައިވިންގގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާ ތަޖުރިބާކާރު ޑައިވަރެކެވެ. އޭނާ ވަނީ ޝިޕް ޑައިވަރ ކޯހާއި، ޑައިވް މާސްޓަރ ކޯސް ފަދަ މުހިންމު ކޯސްތައް ފުރިހަމަކުރައްވައި، އޯޕަން ވޯޓަރ ޑައިވިންގ ކޯސްތަކުގައި މުދައްރިބެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ސިފައިންގެ ޚިދުމަތުގައި މަހުދީ ހޯއްދަވާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 4 މެޑެއްޔާއި 9 ކުލަ އޭނާއަށް ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ހިތްވަރުގަދަކަމުގެ ކުލައާއި، އަޚްލާޤީ ކުލަ އަދި ކޮވިޑް-19 ގެ އިންސާނީ ޚިދުމަތުގެ މެޑެލި ހިމެނެއެވެ.
މަހުދީ ނިޔާވުމުގެ ހިތާމައިގައި ސިފައިންގެ ދިދަ ވަނީ 48 ގަޑިއިރަށް ބައިދަނޑިއަށް ތިރިކޮށްފައެވެ. މިއީ މުޅި ސިފައިންގެ ލަޝްކަރަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި އެމްއެންޑީއެފުން ވަނީ ސިފަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!