ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ފެނުނު ޑައިވަރު ފެނުނީ ސަފާރީގެ ޑައިވަރުންނަށް ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި، ނުފެނިވާ ހަތަރު ޑައިވަރުން ވެސްވީ އެ ކޭވްގެ ތެރޭގައިކަމަށް ބެލެވޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުއެވެ.

Ad
rt

ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން އެ މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ފެނުނު ޑައިވަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް މިއަދު ހަވީރު 18:13 ހާއިރުއެވެ. ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި ހިމެނޭ ފަސް ޑައިވަރުންނަކީ ވެސް އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިންނެވެ.