ދިވެހިރާއްޖޭގެ އެންމެމަތީ ވެރިޔާގެ މަގާމު އަދާކޮށްފައި ހުރީތީ ގާނޫނުގެ ދިގުއަތް ނުފޯރާނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ގާނޫނުގެ ދިގުއަތް ހުރިހާ އެންމެންގެ މައްޗަށް ފޯރާނެކަން ރައްޔިތުންނަށް ޝައްކެއްނެތް މިންވަރަށް ޔަގީންވާންޖެހޭ ކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތުވެގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ގާނޫނުގެ ކުރިމަތީ ބޮޑެއް، ކުޑައެއް، ފައިސާވެރިއެއް، ނޫސްވެރިއެއް، މަސްވެރިއެއް، އޮޑިވެރިއެެއް، ދަނޑުވެރިއެއް، ތަފާތުވެގެން ނުވާނެ. ހުރިހާ ފަރާތަކުންވެސް ގާނޫނަށް ކިޔަމަންވެ ބޯލަބަންޖެހޭ،" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމުގެ އެންމެމަތީ ވެރިކަން ކޮށްފައި ހުރުމަކީ ގާނޫނުން ބަރީއަވެވޭނެ ކަމެއް ކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އަދި އެކި ތަންތަނުގައި ތިބެގެން ދޮގު ވާހަކަތައް ފެތުރުން ހުއްޓާލަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޙައްމަދު އިސްމާޢީލް އިތުރަށް ވިދާޅުވީ، ސިޓިންރޫމުތަކުގައާއި ޖަގަހަތަކުގެ ތެރޭގައި އަދި މަގުތައްމަތީގައި ބުހުތާންދޮގު ވާހަކަތައް ދައްކަމުންދާ ދިއުން މިހާރު ހުއްޓެންވެއްޖެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!