1447 ވަނަ އަހަރުގެ ޙައްޖުގެ މޫސުމަށް ރާއްޖޭން ފުރާ ޙައްޖުވެރިންނަށް "މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ސައޫދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.

މި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ރޭގެ ވަގުތެއްގައި ވަނީ ރާއްޖެ ވަޑައިގެންފައެވެ. މީގެ އިތުރުން، މި މަސައްކަތުގައި ބައިވެރިވާ ވަފުދުގެ އިތުރު 18 ބޭފުޅުން މެއި 11، 2026 ގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މައްކާ ރޫޓު އިނީޝިއޭޓިވް އަކީ ޙައްޖުވެރިންގެ ދަތުރުފަތުރު ލުއިފަސޭހަކޮށްދިނުމަށް ސައޫދީ ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ. ރާއްޖޭގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ 1446 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެ ރަސްމިއްޔާތުގައި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދެއެވެ. އެގޮތުން ޙައްޖުވެރިން ސައޫދީއަށް އެތެރެވުމުގެ ކުރިން، ރާއްޖޭގައި ތިބެގެން ސައޫދީގެ އިމިގްރޭޝަން މަރުޙަލާތައް ފުރިހަމަކުރެވޭނެއެވެ. އަދި ޙައްޖުވެރިންގެ ފޮށިތައް ސައޫދީ އެއާޕޯޓުން ނަގަން ނުޖެހި، ސީދާ އެ ބޭފުޅުން ތިއްބަވާ ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ އިންތިޒާމުވެސް މި މަޝްރޫޢުގެ ދަށުން ހަމަޖެހިފައިވެއެވެ. މީގެ ސަބަބުން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.

ރާއްޖެއަށް މި ފުރުޞަތު ލިބިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސައޫދީ ސަރުކާރާއެކު ކުރި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއީ ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ދިވެހި ރައްޔިތުންނަށް ބަހައްޓަވާ ގާތްކަމުގެ ހެއްކެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިކަމުގައި ސައޫދީ ސަރުކާރުގެ އިސްވެރިންނަށާއި، ރާއްޖޭގައި ހުންނަވާ ސައޫދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ޙައްޖުވެރިންނަށްވެސް އެންމެ ފުރިހަމަ ގޮތުގައި މި ޚިދުމަތް ފޯރުކޮށްދިނުމެވެ.