ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންނަކީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގެން ބުރަ މަސައްކަތްތަކެއް ކުރައްވާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި ސިފައިންގެ ކުރިއެރުމާއި ލާބައަށްޓަކައި ގިނަ ކަންތައްތަކެއް ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވަމުން، ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއެކު ދެމިތިބޭ ފަރާތްތަކަށް، މިހާރު އޮތް ޤަވާއިދުގެ ތެރެއިން ކުރިމަތިވާ ލިމިޓޭޝަންތައް އުވާލައި، ޚިދުމަތުގައި ދެމިހުރެވޭނެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއިން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ ޢަދަދު އިތުރުކޮށްދެއްވާނެ ކަމަށެވެ.
"ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ޙައްޤަކަށް ވާހިނދު، ދިވެހި ސިފައިންނަށްވެސް މި ޙައްޤު ފުރިހަމަވާންޖެހޭނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ޚިދުމަތުގެ ސަރވިސް ކޯގެ ދަށުން ބ. ކިހާދޫގައި ހިންގާ "ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މިއީ ސިފައިންގެ ފަންނީ ހުނަރާއި ޢިލްމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހުޅުވުނު މަރުކަޒެކެވެ.
މީގެ އިތުރުން، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ސިފައިންނަށް މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވިއެވެ. އޭގެ ތެރޭގައި މަތިވެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑަލް ހިމެނެއެވެ. އަދި 2025 ވަނަ އަހަރުގެ ފިޓަސްޓް ސޯލްޖަރ އަންހެން އަދި ފިރިހެން ވަނަ ހާސިލުކުރި ފަރާތްތަކަށްވެސް އިނާމު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!