ތެލެސީމިއާ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ ދަސްކޮށްދެނީ، އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކޮށް، ބަދަހި ޤައުމެއް ބިނާކުރުމަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން މިއަދު އެމަނިކުފާނުގެ މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ، މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީގެން ބަދަހި ޤައުމެއް ބިނާކުރުމަކީ މި ދުވަހުން ލިބިދޭ މުހިންމު ފިލާވަޅެއް ކަމަށެވެ.

Ad
rt

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ އަޅުގަނޑުމެންގެ އަމިއްލަ ދަރީންނާއި ޢާއިލީ މެންބަރުންނެވެ. އެހެންކަމުން، އެ ފަރާތްތަކަށް ބޭނުންވާނޭ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް ޒިންމާ އަދި މަސްއޫލިއްޔަތު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ވަނީ ތެލެސީމިއާ ކުދިންނަށް ހެޔޮ ދުޢާ ކުރައްވައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، އޯގާތެރިކަމާއި ހެޔޮބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައިކަން ފާހަގަކުރައްވައި، ތެލެސީމިއާ ކުދިންނަށް މުޖުތަމަޢުގެ ކުލުނާއި ލޯތްބާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ. އަދި އެ ކުދިންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހަކީ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ފަރުވާ ހޯދުމުގައި ލުއިފަސޭހަ އަދި ފަހި މާހައުލެއް ޤާއިމުކޮށްދިނުމެވެ. އެގޮތުން، މި ބަލި ތަޙައްމަލުކުރާ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ޚާއްޞަ އަހުމިއްޔަތެއް ދީގެން މަސައްކަތް ކުރަމުންނެވެ.