އަހަރެމެން ކޮންމެ މީހަކުވެސް ކާމިޔާބު މީހަކަށް ވާން ބޭނުމެވެ. އެހެންމީހުންގެ ރުހުމާއި ގަބޫލު ލިބިގެން އުފަލުގައި އުޅޭ މީހަކަށްވާން ބޭނުމެވެ.
އެއީ އިންސާނީ ތަބީއަތެވެ. އެކަމަކު އެއީ އަގުދީގެން ލިބޭ ދިރިއުޅުމެކެވެ. ބައެއްފަހަރު އެގޮތުން ދޭންޖެހޭ އަގަކީ، ތިމާއަށް ތަހައްމަލު ނުކުރެވޭވަރުގެ އަގެކެވެ. އެއަގު ދައްކަަން ޖެހިލުންވާވަރުގެ އަގެކެވެ. ކުރިމަގު އެކަކަށްވެސް ނޭގޭތީއެވެ. އެއީ އިންސާނީ ތަޖުރިބާއިން ދަސްކޮށްދޭ ބޮޑުފިލާވަޅެވެ.
ކާމިޔާބު މީހުންނަކީ ނިންމުންތައް ނިންމާ މީހުންނެވެ. ނިންމުންތައް ދަންމާ މީހުންނެއް ނޫނެވެ. ނިންމުންތައް ދަންމާ މީހުންނަށް ފުރުސަތުގެ ދޮރު ބަންދުވެއެވެ. ފުރުސަތު ގެއްލިދެއެވެ.
ތިމާގެ ދިރިއުޅުމުގެ ފެންވަރު ކަނޑައަޅަނީ ތިމާގެ ނިންމުންތަކުންނެވެ. ރަގަޅު ނިންމުން ނިންމޭނީ އެކަމަށް ފަރިތަވެގެންނެވެ. ކޮންމެ ނިންމުމެއްގެ ފަހަތުގައިވަނީ ކާމިޔާބީ އާއި ނާކާމިޔާބީއެވެ. އުފަލާއި ހިތްދަތިކަމެވެ. އެއީ ތިމާ ހިތްއެދޭފަދަ ނަތީޖާއެއް ލިއްބައިދޭނެ ނިންމުމެއްކަން އެނގެނީ ނިންމުން ނިންމާފަހުންނެވެ.
އެއީ ހަގީގަތެވެ. ތިމާގެ ނިންމުމެއްގެ ފަހަތުގައިވަނީ ފޮނިކަމެއްކަން ނުވަތަ ހިތިކަމެއްކަން އެނގޭނީ ހަމައެނިންމުމެއް ނިންމައިގެންނެވެ. ގޮތެއް ކަނޑައަޅައިގެންނެވެ.
ތިމާގެ ނިންމުންތަކުގެ ފެންވަރު ކަނޑައަޅަނީ، ތިމާ ކުރާ ސުވާލުތަކުންނެވެ. ކޮންމެ ނިންމުމެއްގެ ކުރީގައި ސުވާލުކުރުމަކީ މުހިންމުކަމެކެވެ. ސުވާލުކުރާމީހާޔަށް އަވަސް ނިންމުންތައް ނިންމުމާއި ގޮތެއް ކަނޑައެޅުމަށް މަގުފަހިވެއެވެ. އެކަމަކު ތިމާކުރާ ސުވާލުގެ ގޮތުންނެވެ. ސުވާލުކުރަންވީ ކީއްވެހެއްޔެއް ނޫނެވެ. ސުވާލުކުރަންވީ ކިހިނެތްތޯއެވެ. ތިމާގެ ބޭނުން ހާސިލުކުރެވޭނީ ކިހިނަކުންތޯ އެވެ.
އެގޮތުން ތިމާގެ މަންޒިލަށް (އުފާ ފާގަތި ދިރިއުޅުމަކަށް) ވާސިލުވެވޭނެގޮތް ކަނޑައެޅުމުގެ ފުރުސަތު ކޮންމެމީހަކަށް ވެސް އެބައޮތެވެ. އެއީ މާތްﷲ އިންސާނާއަށް ދެއްވި ނިއުމަތެވެ.
އެނިއުމަތަށް ޝުކުރުވެރިވުމަކީ، ގިނަގިނައިން ސުވާލުކުރުމެވެ. ކިހިނެތްތޯ ސުވާލުކުރާށެވެ. ދެން ނިންމާށެވެ. ގޮތެއް ކަނޑައަޅާށެވެ. ދިރިއުޅުމުގެ ފެންވަރު މަތިކުރެވި އުފާފާގަތިކަން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!